08 Nov 2017, 21:32
ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ އެކައުންޓެންޓްސް ފޯރަމް މިއަދު ނިންމާލައިފި އެވެ.
ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވީ، އެ ފޯރަމަކީ އޮޑިޓާ ޖެނަރަލްގެ މަސްއޫލިޔަތުގެ ދަށުން އޮޑިޓިން އަދި އެކައުންޓިން ދާއިރާ ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން ބޭއްވި ފޯރަމްއެއް ކަމަށެވެ.

އެކަންއުންޓެންޓްސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތަށްފަހު އޮޑިޓާ ޖެނަރަލް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އޮޑިޓް އޮފީސް
ޒިޔަތު ވިދާޅުވީ، އެކައުންޓިން އަދި އޮޑިޓިން ދާއިރާގެ ސްޓޭންޑާޑް ތަކަކީ އަބަދުވެސް ބަދަލު ތަކެއް އަންނަމުންދާ ސްޓޭންޑާޑްތަކެއް ކަމުން އެ މަސައްކަތް ކުރާ ބެފުޅުންނަށް އެ ބަދަލުތަކާ ބެހޭ ގޮތުން ކިޔާދި ތަމްރީނު ދޭން ޖެހޭ ކަމަށެވެ.
އެ ފޯރަމްގައި ރާއްޖޭގައި މަސައްކަތް ކުރާ އެކައުންޓިން އަދި އޮޑިޓިންގެ ބޭފުޅުންނަށް އެ ދާއިރާގެ ސްޓޭންޑާޑަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އޮޅުން ފިލުވާދީ ތަމްރީން ކުރެވިގެންދިޔަ ކަމަށް ޒިޔަތު ވިދާޅުވިއެވެ.
އެކަންއުންޓެންޓްސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/އޮޑިޓް އޮފީސް
"ފުރަތަމަ ދުވަހު އަޅުގަނޑުމެން މި ގެންދިޔައީ ތަންކޮޅެއް ޖެނަރަލްކޮށް އެބޭފުޅުންނަކީ އެކައުންޓެންޓުން ކަމުގައި ވިޔަސް އެނގެން އެބަޖެހޭ ވިޔަފާރިތަށް ހިނގާ ގޮތް އެހެން ކަމުން އެކައުންޓިން ބޭރުގެ ކަންކަން ކިޔާދީގެން ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ. ދެ ވަނަ އަދި ތިން ވަނަ ދުވަހު ހަމަ ވަރަށް ބޮޑަށް ޓެކްނިކަލް އެކައުންޓިން ސްޓޭންޑާޑްތަކަށް އަމާޒް ކޮށްގެން ކުރިއަށް ގެންދިޔައީ،" ޒިޔަތު ވިދާޅުވިއެވެ.
ތިން ދުވަހަށް ކުރިއަށްދިޔަ އެ ފޯރަމްގެ ސަބަބުން އެ ދާއިރާގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އެ ދާއިރާއަކީ ކުރިމަގެއް އޮތް ދާއިރާއެއްކަށް އަންގައި ދެވިގެން ދިޔަކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

އެކަންއުންޓެންޓްސް ފޯރަމްގައި ބައިވެރިންނަސް ކިޔަވާދެނީ -- ފޮޓޯ/ އޮޑިޓް އޮފީސް
އެ ފޯރަމްގައި ބައިވެރިވި ބޭފުޅުންވަނީ އެކައުންޓިން އަދި އޮޑިޓިންގެ ދާއިރާގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުންް ވާހަކަދައްކާ އެކަމުގެ ހައްލު ހޯދާއި ދިނުމަށް އޮޓިޓާ ޖެނަރަލް އަށް ހުށައަޅައިފައެވެ.
ފޯރަމްގައި ކިޔަވައިދިން ބައިތަކާ ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ވީޑިއޯ ޔޫ ޓިއުބް މެދުވެރިކޮށް ހިއްސާ ކުރާނެ ކަމަށް އޮޓިޓް އޮފީހުން ބުންޏެވެ. އަދި ކުރިއަށް އޮތް އަހަރު ތަކުގައިވެސް އެ ފޯރަމް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.