08 Nov 2017, 18:24
ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ޅ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ހުސައިން ސަސްޕެންޑުކޮށްފައި ވަނީ ބަޔަކު އޭނާގެ ބޮލުގައި އެޅުވި ސާބިތު ނުހިފޭ އިލްޒާމްތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިއަދު ނެރުއްވި ބަޔާނެއްގައި މުހައްމަދު ހުސައިން ވިދާޅުވީ ކައުންސިލަރުކަމަށް އިންތިޚާބުވެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން އިސްލާހީ މަސައްކަތްތަކެއް ކުރުމުގެ ތަސައްވަރެއް އޭނާ ގެންގުޅެމުން އައި ކަމަށެވެ. ނަމަވެސް އަމިއްލަ މަސްލަހަތު އިސްކޮށްފައިވާ ބައެއްގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން އެ އިސްލާހީ މަސައްކަތްތައް ހުއްޓުވާލައި އެ މަސައްކަތަށް ހުރަސްއެޅުމަށް އޭނާގެ މައްޗަށް ސާބިތުނުހިފޭ އިލްޒާމްތަކެއް އަޅުވައި އޭގެ ނަތީޖާއެއްގެ ގޮތުން ތިން މަސް ދުވަހަށް އެލްޖީއޭ އިން ވަނީ އޭނާ ސަސްޕެންޑުކޮށްފައި ކަމަށެވެ.
އެލްޖީއޭ އިން ޅ. އަތޮޅު ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ ކައުންސިލަރުންކުރާ ގާނޫނާ ޚިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލުގެ ފަސް ވަނަ މާއްދާގެ (ކ) އާއި ހަ ވަނަ މާއްދާގެ (ށ) އާއި (ނ) އާ މުހައްމަދު ހުސައިން ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
މުހައްމަދު ހުސައިން ސަސްޕެންޑުކުރީ މުސާރަ ނުލިބޭ ގޮތަށެވެ. އޭނާ ސަސްޕެންޑުކުރުމަށްފަހު ޅ. އަތޮޅު ކައުންސިލްގެ ހިންގުން އެ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ސިމާއުއާ ވަނީ ހަވާލުކޮށްފަ އެވެ.
މުހައްމަދު ހުސައިން ވިދާޅުވީ ކައުންސިލްގެ މަސައްކަތްތަކަށް ހާޒިރު ނުވެވޭ ގޮތަށް ތިން މަސްދުވަހަށް ސަސްޕެންޑްކުރުމަކީ އިންސާފުން ހިންގާފައިވާ ކަމެއްކަމަށް އޭނާ ގަބޫލުނުކުރާ ކަމަށާއި އެއީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ބަޔަކު ހިންގާފައިވާ ފިނޑިއަމަލެއް ކަމަށެވެ.
" 01 ފެބްރުއަރީ 2018 ގައި އޮފީހަށް ނުކުތުމުގެ ފުރުސަތު ލިބުމުން، ކުރިޔަށް އޮތްތަނުގައިވެސް އަޅުގަނޑު މަސައްކަތްކުރާނީ މިއިސްލާހީ މަސައްކަތްތައް ފުރިހަމަކުރުމަށެވެ. އަޅުގަނޑު ސަސްޕެންޑް ކުރުމާއެކު، އަލުންވެސް، ކުރިން ހިންގަމުންދިޔަ ދޯހަޅި ނިޒާމަށް އޮފީހުގެ ކަންކަން އަނބުރައިލިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި ހަވާލުކޮށްފައިވާ މަސައޫލިއްޔަތު ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު އަދާކުރުމުގައި ފަހަތަށްނުޖެހި އަޅުގަނޑު އަލުންވެސް ކުރިޔަށް ދާނޭކަމުގެ ޔަގީންކަން މިފުރުސަތުގައި ތިޔަ އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" މުހައްމަދު ހުސައިން ނެރުއްވި ބަޔާނުގައިވެއެވެ.