08 Nov 2017, 18:14
އެމެރިކާ އަދި އިންޑިއާއިން ބޭނުންވިޔަސް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ނަން ނޯންނާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން އިންޑިއާއާ އެކުކުރާ މަޝްވަރާތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވެގެން ދާނެ ކަމަށް ބުނެ 'މިހާރު' ނޫހަށް ނަޝީދު ދެއްވި އިންޓަވިއުއަކާ ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމެރިކާ އަދި އިންޑިއާއިން ބޭނުންވި ނަމަވެސް ނަޝީދުގެ ނަންފުޅު ނޯންނާނެ ކަން "ޔަގީންވާ" ކަމަށެވެ.
ޓެރެރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ މީހެއްގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ގާނޫނުއަސާސީގައި ސަރީހަކޮށް ބުނެފައިވާ ކަމަށާއި ނަޝީދުގެ ވާހަކަތަކުގައި އެއްވެސް ކަހަލަ އޮއްޓަރެއް ނެތް ކަމަށެވެ.
"މިއީ އަނެއްކާވެސް އެނެއް ހިޔާލީ ފޮލާ ކެއްކުމުގައި ނަޝީދު މި އުޅުއްވަނީ. ނަޝީދު ގަބޫލުކުރައްވަނީ ބައެއްފަހަރު ބައެއް މީހުން މޮޔަ ހެއްދޭތީވެ ހުރިހާ ފަހަރަކު ހުރިހާ މީހުން މޮޔަ ހެއްދިދާނެ ކަމަށް. އެކަމަކު ހިލާ އެހެނަކުން ނުވާނެ،" ވިލިމާލެ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވިއެވެ.
ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްކޮށްފައިވާ ކުށްވެރިއެއްކަން ފާހަގަކޮށް ނިހާން ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށާއި އަދި ޕީޕީއެމުން އެ ފުރުސަތު ނަޝީދަށް ނުވެސް ދޭނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނަޝީދަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ބޭރުގެ އެއްވެސް ގައުމަކާއެކު މަޝްވަރާ ކުރަން ސަރުކާރުން ޕީޕީއެމަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ވެސް ހިނގަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕީޕީއެމުން މިކަމާ ގުޅޭ ގޮތުން ސަރުކާރަ ވާހަކަދައްކަން ޖެހޭ ކަމުގައިވަނީ ނަމަ ވާހަކަ ދައްކައިގެން ވެސް އެ ހުކުމުގައި ހުންނަވައިގެން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި ރައީސް ނަޝީދަށް ބައިވެރިވެވޭނެ އެއްވެސް އެއްބަސްވުމަކަށް އަޅުގަނޑުމެންގެ ޕާޓީން އެއްބަސް ނުވާނެ ކަމުގެ ވާހަކަ ވަރަށް ސާފުކޮށް މީޑިއާގަ ދަންނަވާލަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނަށް ވާނެ ގޮތަކާ މެދު ބޭރުގެ ގައުމުތަކުން ސަވާލުކުރާކަން ފާހަގަކޮށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ އެ ފަރާތްތަކަށް ވެސް ޕީޕީއެމުން ދޭ ޖަވާބަކީ ގާނޫނުގެ ތެރެއިން ނަޝީދު ދާން ޖެހޭނީ ޖަލަށް ކަމަށާއި މިއަދުގެ ސަރުކާރުން އެކަން އެ ގޮތަށް ކުރާނެ ކަން ބޭރުގެ ފަރާތްތަކަށް ދަންނަވަމުން ގެންދަވާ ކަމަށެވެ.