ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އާމާޒުކޮށްގެން ދިރާގުން ވޭތުވެދިޔަ ހަތް އަހަރުން ފެށިގެނ ބާއްވަމުން އަންނަ 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް' މިއަހަރު 300 ކުދިންނާއެކު ބާއްވައިފި އެވެ.

ހެންވޭރު ފުޓްބޯޅަ ދަނޑުގައި މިއަދުު ކުރިއަށް ގެންދިޔަ އެ ފެސްޓިވަލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމްތަކަކާއެކު ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސްކޫލުތަކާއެކު 10 އިދާރާއެއް ބައިވެރިވި އެވެ. އަދި އެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދީ ބަލަހައްޓަމުންދާ ކުޑަކުދިން ބައިވެރިކޮށްފައިވެ އެވެ.

ހެންވޭރު ފުޓުބޯޅަ ދަނޑުގައި 8 ނޮވެމްބަރު 2017ގައި ބޭއްވި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ

އެ ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވިދާޅުވި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ދިރާގުން ވަރަށް އިސްކަމެއް ދީގެން ވޭތުވެދިޔަ ހަތް އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށާއި ކޮންމެ އަހަރަކު ވެސް އެ ފެސްޓިވަލަށްް ލިބޭ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ފެސްޓިވަލް ބޭއްވުމުގެ މަގްސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަމަހަމަ ކަމާއެކު ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދިނުން. އެގޮތުން ކޮންމެ އަހަރަކު ވެސް ބައިވެރިވާ ކުދިންގެ އަދަދު އިތުރު ވުމަކީ މި ފެސްޓިވަލް ކާމިޔާބު ކަން ދައްކުވައިދޭ ހެއްކެއް،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ހެންވޭރު ފުޓުބޯޅަ ދަނޑުގައި 8 ނޮވެމްބަރު 2017ގައި ބޭއްވި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ

މިފަހަރުގެ ފެސްޓިވަލްގައި ބައިވެރިވާ ސްކޫލް އަދި ޖަމިއްޔާތަކަކީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިސިކަލް ޑިސޭބެލެޓީސް (އެމްއޭޕީޑީ)، ޑައުންސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ޖަމާލުއްދީން ސްކޫލް، އަމީރު އަހުމަދު ސްކޫލް، އިމާދުއްދީން ސްކޫލް، ގަލޮޅު މަދަރުސާ، މުހިއްޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ތާޖިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް އަދިި އަމީނިއްޔާ ސްކޫލެވެ.

މިއީ ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކޮށްގެން އެހާ ބޮޑުކޮށް ބާއްވާ ހަމަ އެކަނި ކުޅިވަރު ފެސްޓިވަލްކަން ވެސް ފާހަގަކޮށްލެވެ އެވެ.