ބޭރުގެ ނުފޫޒާއެކުވެސް ރައީސް ކަމަށް ވަޑައިގެންނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ގަބޫލުފުޅު ކުރެއްވިޔަސް އެކަމާ ގުޅޭ ގޮތުން އެއްވެސް ގައުމަކާއެކު ސަރުކާރުން މަޝްވަރާ ކުރަމުން ނުދާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ އެހެން ވިދާޅުވެފައި މި ވަނީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަށާއި އެމެރިކާ އަދި އިންޑިއާ ގުޅިގެން ކުރާ މަޝްވަރާތަކުން އެ މަގު ތަނަވަސްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ އެވެ.

ޝައިނީ ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުން އެއްވެސް ގައުމަކާއެކު ނުކުރާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީ ބަދަލު ކޮށްގެން ނޫން ގޮތަކަށް ނަޝީދަށް އިންތިހާބުގައި ބައިވެރިވެވޭނެ އިތުރު ގޮތެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

"މިއީ ދިވެހިން. މިއީ ދިވެހިރާއްޖެ. މީއީ ދިވެހިންގެ ރާއްޖެ. ގޮތް ނިންމާނީ އަޅުނގަޑުމެން،" ސަރުކާރާއި އިދިކޮޅު ފަރާތްތަކާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދި މިހާރު އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އެމަނިކުފާނަށް އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަމަށް ވިދާޅު ވަމުންނެވެ.

އެގޮތުން އެމެރިކާ އާއި އިންޑިއާ ގުޅިގެން ކުރާ މަޝްވަރާތަކުން އެ މަގު ތަނަވަސް ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މިވަގުތު ބޮޑަށް ބޭނުން ވަނީ އިއްތިހާދު އެކީގައި އޮވެގެން ކުރިއަށް ދެވޭނެ ގޮތެއް ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އިއްތިހާދުގެ ފަރާތުން ކެންޑިޑޭޓަކު ނެރޭއިރު ވެސް އެމްޑީޕީން ވާދަ ކުރާނެ މީހަކު ނިންމާނީ ޕްރައިމަރީ އަކުން ކަމަށެވެ.