08 Nov 2017, 15:23
މެލޭޝިއާގެ އެނެމެޓްރިކްސް ގްރޫޕުން ގައުމީ ޔުނިވާސިޓީ އަށް ސޯލާ ޕެނަލްތަކެއް ހަދިޔާކޮށްފި އެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހޯދުމަށާއި އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މައުލޫމާތު ހޯދުމަށް މިހާރު ރާއްޖެ އައިސްއުޅޭ އެ ގްރޫޕުގެ ފަރާތުން ގައުމީ ޔުނިވާސިޓީ އަށް ސޯލާ ޕެނަލްތަކެއް ހަދިޔާކުރި އިރު އެ ގްރޫޕުން އަންނަނީ ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން މެދުވެރިކޮށް ވެސް އިންވެސްޓް ކުރެވޭނެ ދާއިރާތައް ހޯދަމުންނެވެ.
ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެނެމެޓްރިކްސް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓާ ޑރ. ޗުތާމަސް ވިދާޅުވީ އެ ޔޫނިއަން މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އީ ކޮމާސް ފުޅާކުރުމަކީ އެ ކުންފުނިން ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން ދަރިވަރުންނަށް އޭގެ ފައިދާ ލިބޭ ގޮތަށް އީ ކޮމާސް ވިޔަފާރިއެއް ފައްޓައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިރެކްޓަރު ޑރ. ޗުތާމަސް އަދި އައިބީބީ އިންޓަނޭޝަނަލް ހޯލްޑިންގްސްގެ ސީއީއޯ ޑެނިސް ސީހް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިފަދަ ޕްރޮޖެކްޓްތައް މިހާރު ވެސް މިދަނީ އެހެން ގައުމުތަކުގައި ހިންގަމުން. އަޅުގަނޑުމެން އިންވެސްޓް ކުރަނީ ކުންފުންޏަށް އޭގެ ރިޓާން އެންމެ ބޮޑު ދާއިރާތަކަކަށް ނޫން، އެންމެ ބޮޑު ކޮންޓްރިބިއުޝަންއެއް ދެވޭނެ ދާއިރާތަކަށް،"
އެ ގްރޫޕުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފެއްޓުމަށް މާލީ އަދި ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.
އެނެމެޓްރިކްސް ގްރޫޕަކީ އިންވެސްޓް ކުރުމާއި އިންޝުއަރެންސްގެ ވިޔަފާރި، ރިނިއުބަލް އެނާޖީ އަދި ސްޓްރަކްޗާޑް އެންޑް ޓްރޭޑް ފައިނޭންސިން އާއި މައިނިންގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މަލްޓިނޭޝަނަލް ކުންފުންޏެކެވެ.