08 Nov 2017, 14:35
ށ. ފުނަދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމަށް ޓަކައި ބަންޑުވޯލް ޖަހަން ފަށައިފި އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު މިއަދު ސަން އަށް ވިދާޅުވީ ބަންޑުވޯލް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ވަރަށް އަވަސް ސްޕީޑެއްގައި އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ށ. ފުނަދޫގައި ބަންޑްވޯލް ޖެހުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި- ފޮޓޯ/ ފުނަދޫ ކައުންސިލް
"މިހާރު ކުރިއަށް މި ގެންދަނީ ބަންޑުވޯލް ޖެހުމުގެ މަސައްކަތް. ފުނަދޫން ބިންހިއްކުމަށް ހަމަޖެހިފައި ވަނީ 62 ހެކްޓަރު. އެ މަސައްކަތް ފެށިތާ ގާތްގަނޑަކަށް މިހާރު ދެ ހަފްތާ ވަރު ވެދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ށ. ފުނަދޫގައި ބަންޑްވޯލް ޖެހުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި- ފޮޓޯ/ ފުނަދޫ ކައުންސިލް
ފުނަދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫ އާއި ގދ. ފަރެސްމާތޮޑާއާއި ގދ. މާވާރުލުގެ އިތުރުން ޅ. ފެލިވަރާއި ރ. ފައިނުއާއި ނ. މާފަރާއި ހއ. މާފިނޮޅުގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ށ. ފުނަދޫގައި ބަންޑްވޯލް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައި- ފޮޓޯ/ ފުނަދޫ ކައުންސިލް