ދިއްގަރު ސްކޫލުގެ ކުޑަ ހޯލު ތެރެއިން ފެންނަނީ ހުދު ފޮތި އަޅައި ހުރަހަށް ދަމާލާފައި ހުރި ދިގު މޭޒު ތަކެކެވެ. ހަތިމްތަކެއް އަތުރާލައިފައި އޮތް އެ މޭޒުތަކުގެ ކައިރީގައި ތިބި ދަރިވަރުންނާ އެކު ހޯލުގެ ފަހަތުގައި ތިބި ބެލެނިވެރިން ވެސް ތިބީ ދެ އަތް އުފުލައި ދުއާ ކުރުމުގަ އެވެ. އޭރު ހޯލު ތެރޭގައި އަޑު ހަރުކޮށް ކިޔަމުން ދާ ދުއާގައި ބައިވެރިވުމަށެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހު ދިއްގަރު ސްކޫލުގެ ދަރިވަރުން ހަތިމުކޮށް ނިންމައި ހަތިމު ދުއާ ކިއުމަށް ބޭއްވި އުފާވެރި ހަފުލާ އެވެ. އަހަރު ދުވަހު ކުރި މާތް އަޅުކަމެއް ނިމުނު ކަމުގެ ހާއްސަ ވަގުތު ކޮޅެވެ.

އެކާސްވީސް އަހަރު ވަންދެން މ. އަތޮޅު ޤުރުއާން މުބާރާތުގެ އެއް ވަނަ ހޯދައި އަތޮޅުގައި ވެސް ނަމޫނާ ސްކޫލެއްގެ ގޮތުގައި ފާހަގަކުރާ ދިއްގަރު ސްކޫލުގެ ދަރިވަރުން ޤުރުއާން ހަތިމް ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާތާ ފަސް އަހަރު ވެއްޖެ އެވެ.

ދިއްގަރު ސްކޫލު މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އެ ސްކޫލުގެ ލީޑިން ޓީޗަރު އިސްމާއިލް އަބްދުﷲ 'ސަން' އަށް ވިދާޅުވީ، ކޮންމެ އަހަރެއްގެ ދިރާސާ އައު އަހަރާ އެކު ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި މި އަހަރު އެ ސްކޫލުގެ ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 102 ދަރިވަރުން ބައިވެރިވެ ޤުރުއާން ހަތިމް ކޮށްފައިވާ ކަމަށެވެ.

"ކޮންމެ އަހަރެއްގެ ވެސް ސްކޫލް ފެށުމުން ޕްރޮގްރާމްގައި ބައިވެރިވާ ކުދިން ހަތިމް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ގޭގައި. ބެލެނިވެރިން އެ ކުދިން މޮނީޓާކޮށް ސްކޫލުން ދޭ ފޯމެއް ފުރަމުން ގެންދާނެ. އެ ފޯމް ޗެކްކޮށް ހަދާނީ ޕްރޮގްރާމް ހިންގާ ސްކޫލުގެ އިސްލާމް ކުލަބްގެ ޓީޗަރުން،" ޕްރޮގްރާމް ކުރިއަށްދާ ގޮތް އިސްމާއިލް އަބްދުﷲ ވިދާޅުވި އެވެ.

ދިއްގަރު ސްކޫލުގެ ދަރިވަރުން ހަތިމްކޮށް ހަތިމް ދުއާ ކިޔުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ ދިއްގަރު ސްކޫލް ފޭސްބުކް ޕޭޖް

އެގޮތުން ކޮންމެ އަހަރެއްގެ ވެސް ޤުރުއާން ހަތިމްކޮށް، ހަތިމް ދުއާ ކިއުން އޮންނަނީ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

އިސްމާއިލް އަބްދުﷲ ވިދާޅުވީ، އެއް އަހަރުން އަނެއް އަހަރަށް އެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ވެސް އިތުރު ވަމުން އަންނަ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރުގެ ޕްރޮގްރާމްގައި އިތުރު 18 ދަރިވަރުން ބައިވެރިވެ ވަނީ ޤުރުއާން ހަތިމް ކޮށްފަ އެވެ.

އިސްމާއިލް އަބްދުﷲ ވިދާޅުވީ، ޤުރުއާން ހަތިމް ކުރުމުގެ ޕްރޮގްރާމްގެ އިތުރުން މި އަހަރުން ފަށައިގެން އެ ސްކޫލުގައި ޤުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމެއް ވެސް ފަށާފައިވާ ކަމަށެވެ.

ދިއްގަރު ސްކޫލުގެ ދަރިވަރުންނަކީ ސްކޫލް ނިމުމުގެ ކުރިން ޤުރުއާން ހިތުދަސް ކޮށްފައިވާ ކުއްޖަކަށް ހެދުމުގެ އަޒުމުގައި ފެށި އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ސްކޫލުގެ ބެލުމުގެ ދަށުންނެވެ.

"ފައުންޑޭޝަނުން ޕްރޮގްރާމް މި ފެށީ. އެގޮތުން ފައުންޑޭޝަން ލެވެލްގައި ކިޔައި ހިތުދަސް ކުރަން މި އިންނަނީ ވަކި ވަރެއް. އެހެން ގޮސް އަޅުނގަޑުމެންގެ ޕްލޭން އިންނަ ގޮތުން ސްކޫލް ނިމޭއިރު ކުއްޖާ އެއްކޮށް ހުންނާނީ ޤުރުއާން ހިތުދަސް ވެފައި،" އިސްމާއިލް އަބްދުﷲ ވިދާޅުވި އެވެ.