ސޯލް (ނޮވެމްބަރު 8): އުތުރު ކޮރެއާ އިން އުފައްދާ ހަތިޔާރުގެ ސަބަބުން އެގައުމަށް ރައްކާތެރިކަން ލިބުމަށް ވުރެ، އެގައުމަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެކުނު ކޮރެއާއަށް ވަޑައިގަތުމަށް ފަހު، މިއަދު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވަނީ އުތުރު ކޮރެއާއަށް ހަރުކަށި އިންޒާރުތައް ދެއްވައިފަ އެވެ.

އެގޮތުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި އުތުރު ކޮރެއާއަކީ ކިމްގެ ކާފާފުޅު، ކިމް އިލް ސަންގް ބޭނުންފުޅުވި "ސުވަރުގެ"އެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެއީ "އެއްވެސް މީހަކު އުޅެން ކަމުނުދާ ނަރަކައެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލައިފި ނަމަ އެގައުމަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އުތުރުގެ ހަރަކާތްތަކާ ގުޅިގެން މީގެ ކުރިން އެމެރިކާ އިން ފިޔަވަޅު ނޭޅުމަކީ އެގައުމުގެ ބަލިކަށިކަން ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެމެރިކާ އިން ފިޔަވަޅު އަޅަން މަޖުބޫރު ނުކުރުމަށް ގޮވާލައްވައިފަ އެވެ.

ޓްރަމްޕް އޭޝިއާއަށް ކުރައްވާ 11 ދުވަހުގެ ދަތުރުފުޅުގައި ޖަޕާނާއި ދެކުނު ކޮރެއާގެ އިތުރުން ޗައިނާ، ވިއެޓްނާމް އަދި ފިލިޕީންސަށް ވަޑައިގަންނަވާނެ އެވެ. (ބީބީސީ)