08 Nov 2017, 12:43
ރިޔާދު (ނޮވެމްބަރު 8): ސައުދީ އަރަބިއާ އިން ޔަމަނުގެ ހުރިހާ ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން އެ ގައުމުގެ އެތައް މިލިއަން މީހުންނަށް ފޯރުކޮށްދޭ އިންސާނީ އެހީ ހުއްޓިފައިވާ ކަމަށް އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ބުނެފި އެވެ.
ސައުދީން ޔަމަނުގެ ބޯޑަރުތައް ބަންދު ކުރީ ހޮނިހިރު ދުވަހު ޔަމަނުން ސައުދީ އަރަބިއާއަށް ފޮނުވާލި މިސައިލެއް ސައުދީ ވައިގެ ސިފައިން ނާކާމިޔާބުކޮށްލި ފަހުންނެވެ. ސައުދީން ބުނި ގޮތުގައި އެބޯޑަރުތައް ބަންދު ކުރީ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭތީ، އެކަން ހުއްޓުވުމަށް ޓަކަ އެވެ.
ސައުދީން ވަނީ ޔަމަނަށް ވައިގެ މަގުންނާއި، ކަނޑުންނާއި، އެއްގަމުން ދަތުރުކުރެވޭ ގޮތް ވަގުތީ ގޮތުން ހުއްޓުވި ނަމަވެސް އެގައުމަށް އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ގައުމަށް ވަދެވޭނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް ރެޑް ކްރޮސް އިން ވަނީ އެޖަމްއިއްޔާ އިން ފޯރުކޮށްދޭ ކޮލެރާ ބޭސްގެ ޝިޕްމެންޓް ޔަމަނަށް ވަނުން ހުއްޓުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ޔަމަނުގައި ހަލުވިކަމާ އެކު ކޮލެރާ ފެތުރި މިހާތަނަށް 900،000 އަށް ވުރެ ގިނަ މީހުންނަށް އެބަލި ޖެހިފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ފާހަގަ ކުރި އެވެ.
އދ. އިން ބުނާ ގޮތުގައި ޔަމަނުގައި ބަނޑަށް ޖެހިފައިވާ މީހުންގެ އަދަދު ހަތް މިލިއަނަށް އަރަ އެވެ. އަދި އެ ގައުމުގެ ގިނަ ރައްޔިތުންނަކީ އިމްޕޯޓު ކުރާ ތަކެއްޗަށް ބަރޯސާވެފައިވާ މީހުން ކަމަށާއި ނަމަވެސް މިހާރު އެގައުމަށް ކާނާ އާއި ތެލާއި ބޭސް އިމްޕޯޓު ނުކުރެވޭތީ ގިނަ އަދަދެއްގެ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އދ.އިން ބުންޏެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް 2015 ވަނަ އަހަރު ސައުދީ ކޯލިޝަނުން ވަދެގަތް ފަހުން އެ ގައުމަށް ދިން ހަމަލާތަކުގައި 8،670 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ އާއްމުން ކަމަށްވާ އިރު އެހަމަލާތަކުގައި 49،960 މީހުން ވަނީ ޒަހަމްވެފަ އެވެ. (ބީބީސީ)