މާލެ އިން ވިލިގިއްޔާދާ ފެރީ ޓާމިނަލް ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އާދަމް އާޒިމް ވިދާޅުވީ ސައިކަލުގައި ރޯވި ކަމުގެ ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 3:31ގައި ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ދިޔަ އިރު އަލިފާން ގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ.

އަލިފާން ގަނޑު ނިވުނު އިރު ސައިކަލުގެ މައިގަނޑު ފިޔަވައި އެހެން ހުރިހާ ބައެއް ވަނީ އަނދައި ހުލިވެފަ އެވެ.

މާލޭގައި ރޭ ސައިކަލެއްގައި ރޯ ކޮށްލި އިރު އިއްޔެ ރޭ ވަނީ އއ. ތޮއްޑޫގައި ވެސް ސައިކަލެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރުކޮށްލައިފަ އެވެ.

އަދި މިދިޔަ މަހު ކުރީ ކޮޅު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުކޮޅުގައި ވެސް ރޯކޮށްލައިފަ އެވެ.

އެ ހުރިހާ މައްސަލައެއް ވެސް ފުލުހުން ތަހްގީގުކުރަމުން އަންނަ އިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.