ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާ މެކްސިކޯ ޓީމް ގުއަޑަލަޖަރަ އާއި ބައްދަލުކުރި މެޗުން 4-1 ން ބަލިވިނަމަވެސް ގުއަޑަލަޖަރަ ދެއްކި ކުޅުމުން ޚައިރާންނުވާ ކަމަށް ބާސެލޯނާގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ. ސަން ލައިފް ސްޓެޑިއަމްގައި ކުޅުނު މިމެޗް ގުއަޑަލަޖަރަ ކާމިޔާބުކުރީ 70،080 ސަޕޯޓަރުން ކުރިމަތީގަ އެވެ.

މިމެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ ގުއަޑަލަޖަރާގެ މާކޯ ފަބިއަންވަނީ އެޓީމަށް ދެލަނޑު ކާމިޔާބުކޮށްދީފަ އެވެ. ޔޫރަޕް އަދި ސްޕެއިން ޗެމްޕިއަން ބާސެލޯނާ ބަލިކުރުމުގައި އެހީތެރިވެ ގުއަޑަލަޖަރާއިން ޖެހި އަނެއް ދަލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ގިއޮވާނީ ކަސިޔަސް އާއި ހޯސޭ ލުއިސް ވާޑުސްކޯ އެވެ.

"ގުއަޑަލަޖަރާއިން ދެއްކި ކުޅުމުގެ ސަބަބުން އަހަރެން ޚައިރާނެއްނުވަން. މެކްސިކޯއިން އަބަދުވެސް ކުޅެމުންދަނީ އެކަހަލަ ބަލައިލަން ހިތްގައިމު ގޮތަކަށް." ބާސެލޯނާގެ ކޯޗް ޕެޕް ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާގެ ސްޕެއިން ތަރި ޑޭވިޑް ވިޔާ މެޗްގެ ކުރީކޮޅުގައި ބާސެލޯނާއަށް ލީޑް ނަގައިދިން ނަމަވެސް ގުއަޑަލަޖަރާގެ ކުޅުން ވަރުގަދަކޮށް ފަހަތުންއަރާ ވަނީ ތިންލަނޑު ކާމިޔާބުކޮށްފަ އެވެ. މިމެޗަށްފަހު މިމެޗްގެ މޮޅު ކުޅުންތެރިޔާ ގުއަޑަލަޖަރާގެ ފަބިއަންވަނީ އޭނާގެ ހިތުގައިވާ ޝުއޫރުތައް ހިއްސާކޮށްފަ އެވެ.

"މިއީ އަހަރެންގެ ހުވަފެނެއް ސީދާވުން ކަހަލަ ކަމެއް. އެންމެގޯލެއް ނޫން ދެގޯލް ބާސެލޯނާ ކަހަލަ މޮޅު ޓީމެއްގެ ކޮޅަށް ވައްދާލެވުނީތީ މިހިރީ ވަރަށް ހިތްހަމަޖެހިފައި. އަހަރެން ތަންކޮޅެއް ދުރުން ގޯލެއް ޖެހުމަށް ފަރިތަކުރިން. އަދި އެކަން ކާމިޔާބުވެސްވި." ފަބިއަން ބުންޏެވެ.