ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފުގެ އަޑުއެހުން ފަސްކޮށްފި އެވެ.

މިއަދު ހެނދުނު 9:15ގަައި ހައިކޯޓުގައި ބޭއްވުމަށް ތާވަލު ކުރި އަމުރު އިސްތިއުނާފުގެ އަޑުއެހުން ފަސްކުރީ، ފާރިސްއާއި އޭނާގެ ވަކީލުންނާ ބައްދަލު ކުރެވޭ ގޮތް ވެފައި ނުވާތީ، އޭނާގެ ފަރާތުން އަޑުއެހުން ފަސްކޮށްދިނުމަށް އެދިވަޑައިގަތުމުންނެވެ.

ފާރިސްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި އެ މައްސަލަ ހިނގަމުން ދަނިކޮށް، އެ މައްސަލަ ބަލާ ބެންޗު ބަދަލުކޮށްފައި ވާތީ އެކަމަކީ ގާނޫނާ ޚިލާފަށް ކުރި ކަމެއްކަމަށް ބުނެ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މީގެ ކުރިން ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލާގައި ގޮތް ނިންމާނީ ހައިކޯޓުން ކަމަށެވެ.

އެކަމުގައި ހައިކޯޓުން ނިންމީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރީ ރަނގަޅަށް ކަމަށެވެ.

އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުން މިއަދު ފަސްކުރި އިރު، އިއްޔެ ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުން ވެސް ކުރިއަށް ދަނިކޮށް ފާރިސްގެ ފަރާތުން އެދިވަޑައިގަތުމުން އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ފާރިސްގެ ފަރާތުން އެގޮތަށް އެދުނީ އެ މައްސަލާގައި ދައުލަތުން އާ ލިޔުމެއް ހުށަހަޅާފައި ވާތީ އެ ލިޔުމާ ގުޅޭ ގޮތުން ވަކީލުންނާ މަޝްވަރާކުރަން ވަގުތު ލިބިފައި ނުވާތީ ކަމަށް ބުނެ އެވެ.