08 Nov 2017, 11:09
ވޭތުވެދިޔަ މަހެއްހާ ދުވަހަކީ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާނަށް އެހާ ހިތްގައިމު ދުވަސްތަކެއް ނޫނެވެ. އޭނާގެ ޓީމުން ނެރެމުން ދިޔަ ނަތީޖާތަކާއި ސްކޮޑް މެނޭޖްކުރުމުގައި ދިމާވި ދަތިތަކާހުރެ ޒިދާނަށް ދަތި އުނދަގޫތަކެއް ތަހައްމަލުކުރާން ޖެހުނެވެ. އެހެން ނަމަވެސް މިހާރު ޒިދާނަށް މިވަނީ އަޑިގަނޑުން އަރައިގަތުމުގެ ކޮޅުމަތި ފެނިފައެވެ.
މިމަހުގެ 18ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް ކުޅޭ "މެޑްރިޑް ޑާރބީ" މެޗު ގާތްވަމުން އަންނައިރު، ރެއާލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، "އަނިޔާގެ ރޯގާ"އިން ިވަނީ އެ ކްލަބަށް އަރައިގަނެވިފައެވެ. އަދި ސްޕެނިޝް ލީގުގައި ހޯމަ ދުވަހު ލަސް ޕަލްމާ އަތުން 3-0 ލަނޑުން މޮޅުވެ ހޯދި ކާމިޔާބީއާއެކު ރެއާލް މިވަނީ "މޫޑް" ރަނގަޅުވެފައެވެ.
ޒިދާން އަމިއްލައަށް ވެސް ގަބޫލުކުރާ ގޮތުގައި، އޭނާގެ ކްލަބުން މި ސީޒަންގެ ކުރީ ކޮޅުގައި ރަނގަޅު ކުޅުމެއް ނުދެއްކިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލައެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ޓީމުގެ ފަސްވަރަކަށް ކުޅުންތެރީން ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިފައެވެ.
އެހެން ނަމަވެސް، ޑެނީ ކަރްވާހަލް، ގެރެތު ބޭލް އަދި ގޯލްކީޕަރު ކޭލާ ނަވާސްގެ އެނބުރި އައުމަކީ ޒިދާންގެ ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމެއްކަން ކަށަވަރެވެ.
ރެއާލަށް އޮތް އެންމެ އުފާވެރި އެއް ޚަބަރަކީ، އިންޓަނޭޝަނަލް ބްރޭކަށް ދާއިރު ރެއާލްގެ މެޑިކަލް ރޫމް އޮންނާނީ ގާތްގަނޑަކަށް ހުސްކޮށެވެ.
ޕްލޭނާ އެއްގޮތަށް ދާނަމަ، ނަވާސް، ކަރްވާހަލް، ބޭލް އަދި ރަފައެލް ވަރާނޭވެސް އެ ކުޅުންތެރީންގެ ގައުމީ ޓީމުތަކާ ގުޅޭނެއެވެ. އަދި މި ހުރިހާ ކުޅުންތެރީންވެސް އެސްޓާޑިއޯ ވެންޑާ މެޓްރޯޕޮލިޓާނޯގައި ކުޅޭ ފުރަތަމަ ޑާބީ ކުރިމަތިލުމަށް ރެއާލްގެ ސްކޮޑްގައި ތިބޭނެއެވެ.
މި ހަތަރު ކުޅުންތެރީންގެ ތެރޭންވެސް، ދެ ހަފްތާއަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަ ނަވާސް އާއި، ހިތުގެ މައްސަލައަކާ ހުރެ ދެ މަސްދުވަހު ކުޅުމާ ދުރުގައި ހުރި ކަރްވާހަލްގެ އިތުރުން ވަރާނޭ އަކީ، އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11އިން ޖާގަ ހޯދާނޭކަމަށް ބެލެވޭ ކުޅުންތެރީންނެވެ. އެއްކޮށް ފިޓް ނުވާތީ، ފަހަރެއްގައި އެ މެޗުން ބޭލް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ.
މެޑްރިޑް ޑާބީއާ ކުރިމަތިލާއިރު، ޒިދާނަށް އަތުގައި ނުޖެއްސޭނޭ ހަމައެކަނި ކުޅުންތެރިއަކީ، އެޓީމުގެ ކްރޮއޭޝިއަން މިޑްފީލްޑަރު މަޓިއޯ ކޮވަސިޗެވެ. މިދިޔަ ސެޕްޓެމްބަރު މަހު، ޗެމްޕިއަންސް ލީގުގައި އެޕޮއެލް ނިކޯސިއާ އަތުން 3-0 އިން ރެއާލް މޮޅުވި މެޗުގެ 25 ވަނަ މިނިޓްގައި ކޮވަސިޗްގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ.
ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރެއާލް ކުޅުނު ބައެއް މެޗުތަކަށް ބަލާއިރު، ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުން ދެޓީމު ވަނީ 1-1 އިން އެއްވަރު ވެފައެވެ. އަދި މިދިޔަ މަހުގެ ފަހު ކޮޅު، ލަ ލީގާގައި ޖިރޯނާ އަތުން 2-1 އިން ބަލިވެފައި ވާއިރު، މިދިޔަ ހަފްތާގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗުން 3-1 އިން ރެއާލް ވަނީ ބަލިވެފައެވެ.
ސްޕެނިޝް ލީގު ތާވަލަށް ބަލާއިރު ރެއާލް މިވަގުތު އޮތީ، 31 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއަށް ވުރެ 8 ޕޮއިންޓު މަދުން ލިބި ތާވަލުގެ ތިން ވަނައިގައެވެ. ރެއާލްގެ ފަހަތުން ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް 23 ޕޮއިންޓު ލިބިފައި ވާއިރު، "މެޑްރި ޑާބީ މެޗު"ގެ ނަތީޖާއަކީ ލީގު ތާވަލާ ވެސް ކުޅެލަފާނޭ މެޗެކެވެ.