08 Nov 2017, 10:52
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ފްރާންސް އަދި އާސެނަލްގެ ޑިފެންޑަރު ލޯރެންޓް ކޮޝެލްނީ ބުނެފިއެވެ.
އެމެރިކާ އާ ދެކޮޅަށް 2011 ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗަށް ފަހު މިއަދާ ހަމައަށް އޭނާ ވަނީ އެޓީމަށް 49 މެޗު ކުޅެދީފައެވެ.
ބައިލަންއަގްވާމީ ރަހުމަތްތެރި ކަމުގެ ދެ މެޗުގެ ކުރިން ފްރާންސްގެ ގައުމީ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކޮޝެލްނީ ބުނީ ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަމަށާއި ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އެއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށްވެސް ކޮޝިއެލްނީ ބުންޏެވެ.
"ވޯލްޑް ކަޕަށް ފަހު އަހަރެންނަށް ހުންނާނީ 33 އަހަރުވެފައި. އޭރުން އެއޮތީ ކުޅުން ހުއްޓާލަން ޖެހޭ ވަގުތު ޖެހިފައި. ގައުމީ ޓީމާއެކު އަހަންނަށް ކުރިއަށް ދެން އޮތީ ހަ މަސް ދުވަސް. ކުރިއަށް އޮތް މި ދުވަސްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގަ އަހަރެން ހިފާނަން. އެއަށްފަހު ދެން އޮތީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން،" ކޮޝިއެލްނީ ބުންޏެވެ.
ކޮޝިއެލްނީ ބުނީ އަނިޔާގެ މައްސަލަތައް ވަރަށް ގިނަ ވެއްޖެ ކަމަށާއި އެހާލަތުގައި ގައުމީ ޓީމަށް ކުޅެ ހަށިގަނޑަށް އިތުރު ޕްރެޝަރެއް ދޭން ބޭނުން ނުވާ ކަމަށެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ ދެ މެޗުގައި ފްރާންސް ބައްދަލުކުރާނީ ވޭލްސް އަދި ޖާމަނީއާއެވެ.