ޒަމާނަށް އަންނަމުންދާ ބަދަލާއެކު ވަރަށް ގިނަ ކަންތައް މިއަންނަނީ ބަދަލުވަމުންނެވެ. ކުޑަކުދިން "ބޮޑު ވާލެއް" އަވަހެވެ. ކުރިއާ އަޅާ ބަލާއިރު މިހާރުގެ ކުޑަކުދިން މިއުޅެނީ ވަރަށް ކުރީގައެވެ. އުމުރުން 10 ނޫނީ 12 ވަރަކަށް އަހަރު ވާއިރު މިހާރުގެ ކުޑަކުއްޖެކޭ މީގެ ހައެއްކަ ނޫނީ އަށެއްކަ އަހަރު ކުރީގެ ޒުވާނެކޭ ތަފާތެއް ނެތެވެ. ކުދިންގެ އުޅުން ހުންނަ ގޮތުންނެވެ. ބެލެނިވެރިން ކުދިންނާ ދޭތެރޭ ކަންތައް ކުރާ ގޮތުންނެވެ.

މި ފަހަކަށް އައިސް އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ ކުދިން ވަރަށް ޅަ އުމުރުގައި ސްމާޓް ފޯނުތަކާ ސްމާޓް ގެެޖެޓް ތަކުގެ އަވާގައި ޖެހުމެވެ. ގްރޭޑް ހަތަރަކާ ހަމައިން، ފަހުގެ ސްމާޓް ފޯނެއް ކުއްޖާއަށް ދިނުމަކީ މިހާރުގެ ޓްރެންޑަކަށް ވެއްޖެއެވެ. ނަމަވެސް ބެލެނިވެރިން ވިސްނާލަންވީ ކުއްޖާއަށް އަމިއްލަ ފޯނެއް މި އުމުރުގައި މުހިއްމުތޯއެވެ.

ކުއްޖާ ގްރޭޑް 4 އަށް ދާއިރު އުމުރުން ވާނީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރެވެ. މި އުމުރުގައި ކުއްޖާއަށް އަމިއްލަ ފޯނެއް ދީގެން އެއިން ކުރާނީ ކޮން ބޭނުމެއްތޯއެވެ. މިއީ މަންމަ އަދި ބައްޕަވެސް ބުރަކޮށް މަސައްކަތުގައި އުޅޭ ޒަމާނެވެ. ކުއްޖާ ބަލަން ހަވާލު ކުރަނީ ތިމާގެ މީހަކާ ނޫނީ ކޮންމެވެސް ބިދޭސީއަކާއެވެ. މަންމަ އާ ބައްޕަ ކުރާ މަސައްކަތުން ލިބޭ ލާރިއަކީ ދަރިންގެ ހިތްހަމަ ޖެހުމަށް ހަރަދު ކުރަން ހޯދާ ލާރިއަށް ވަނީ ވެފައެވެ.

ކުއްޖާއަށް ސްމާޓް ފޯނެއް ދިނުމުގެ ކުރިން މައިންބަފައިން ވިސްނާލަންވީ، އުމުރުން 10 ނޫނީ 12 އަހަރުގައި އެ ފޯނުން ކުއްޖާ ކުރާނީ ކޮން ބޭނުމެއްތޯއެވެ. ގެއިން ބޭރުގައި އުޅޭ މަންމަ ނޫނީ ބައްޕައަށް ގުޅަން ދޭ ފޯނެއް ނަމަ އާދައިގެ ފޯނެއްވެސް މި އުމުރުގައި ދެވިދާނެއެވެ. ކުއްޖާއަށް އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ދިނުމަށް މިފަދަ ފޯނެއް ދޭނަމަ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި އުމުރުގައި ކުދިން އިންޓަނެޓް ބޭނުން ކުރާއިރު، އެއިން ކުރާ ބޭނުމެއް ސުޕަވައިޒް ކުރަން ބެލެނިވެރިއަކު ހުންނަން ޖެހޭނެ ކަމެވެ.

މީގެ އިތުރުން ފޯނަށް ދެވި ހިފައި ކުއްޖާގެ ކިޔެވުމަށް އޭގެ ސަބަބުން އަސަރު ކުރުމަކީވެސް ވެދާނެ ކަމެކެވެ. ޔޫޓިއުބް ސްޓްރީމް ކުރުމާ ގޭމް ކުޅުމުގައި ކުއްޖާގެ ވަގުތުތައް ހޭދަކުރާއިރު އެކަންތައް ލިމިޓްކުރަން މައިންބަފައިން ބާރުއަޅަން ޖެހޭނެއެވެ. ސްމާޓްފޯނެއް ޅަ އުމުރުގައި ކުއްޖާއަށް ނުދޭންވީ އަނެއް ސަބަބަކީ މިއެވެ.

ސްމާޓް ފޯނެއް ކުއްޖާއަށް ދޭއިރު މައިންބަފައިން އެކަން ކުރަނީ އެމީހުންގެ ދަރިފުޅަށް ވަރަށް އިތުބާރު ކޮށްފައެވެ. ނަމަވެސް ކުއްޖާ އަށް "އެޅޭ" ކަތި ފިޔަވަޅެއްގެ ސަބަބުން މައިންބަފައިންވެސް މުޖްތަމައުގައި ފަލީހަތްވެދާނެއެވެ. ކުއްޖާގެ މުސްތަގުބަލަށްވެސް އޭގެ އަސަރު ކޮށްފާނެއެވެ.

ކުއްޖާގެ ކްލާސްމޭޓުން "ސްމާޓް ފޯނު" ގެންގުޅޭތީ، ނޫނީ މަައިންބަފައިންގެ މުއްސަނދިކަމުގެ ސަބަބުން މިކަހަލަ ފޯނު ގަނެވޭކަން ދައްކަންވިޔަސް ޅަ އުމުރުގައި ދަރިފުޅަށް ސްމާޓްފޯނެއް ނުދޭށެވެ.

ކުދިންނަށް ސްމާޓްފޯނު ދޭއިރު، ކުއްޖާގެ އުމުރުން 15 ނޫނީ 16 ވަރަކަށް އަހަރު ވަންދެން މަޑުކޮށްލުން ބުއްދިވެރިއެވެ. މިއީ ހެޔޮނުބައި ވަކިކޮށް ހަދަން ކުއްޖާއަށް ދަސްވާއުމުރެވެ. މި އުމުރުގައިވެސް ކުއްޖާއަށް ނަސޭހަތްދީ ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތައް ކިޔައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.