08 Nov 2017, 09:39
އާސެނަލަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް، އެޓީމުގެ ކޯޗު އާސެން ވެންގާއަށް ހައްލު ނުކުރެވޭނޭ ކަމަށް، އާސެނަލްގެ ކުރީގެ ޑިފެންޑަރު ލީ ޑިކްސަން ބުނެފިއެވެ.
އާދީއްތަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 3-1 ލަނޑުން ބަލިވެ، އާސެނަލް މިވަގުތު އޮތީ އިންގްލިޝް ޕްރިމިއަރ ލީގު ތާވަލުގެ ހަ ވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ސިޓީއަށް ވުރެ އާސެނަލް އުޅެނީ 12 ޕޮއިންޓު ފަހަތުގައެވެ.
މި ސީޒަނަކީ ވެންގާގެ ކޯޗު ކަމުގައި އާސެނަލް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ނުކުޅޭ ސީޒަނެވެ.
އާސެނަލްއަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން، ބީބީސީ5 އަށް މައުލޫމާތުދެމުން، ޑިކްސަން ބުނީ، "ހަގީގަތަށް ބުނާނަމަ، ވެންގާ ހުރެގެން އާސެނަލްގެ މައްސަލަތައް ހައްލެއް ނުކުރެވޭނެ" ކަމަށެވެ.
ޑިކްސަން ބުނީ، ވެންގާ ހުރެގެން އާސެނަލްގައި މިހާތަނަށް ގާއިމުކޮށްފައިވާ ސަގާފަތަކީ، ކުޅުންތެރީންނަށް އެއްގޮތަކަށްވެސް ވާނުވާ އެނގޭ ކަންތައްތަކެއް ނޫންކަމަށެވެ.
އޭނާ ބުނީ، އާސެނަލްއަކީ، މޮޅު ކްލަބެއް ކަމުގައިވީ ނަމަވެސް، އެއީ މިހާރު، ވާނުވާ ބުނަންވެސް ދަތި ކްލަބެއް ކަމަށެވެ. އެގޮތުން އެއްދުވަހު އެންމެ ވަރުގަދަ ކްލަބު އަތުން މޮޅުވެފައި އަނެއްދުވަހު ލީގުގެ އެންމެ ބަލިކަށި ކްލަބްއަތުން ބަލިވާ މަންޒަރު ފެންނަމުންދާކަން އޭނާ ފާހަގަކުރިއެވެ.
"މިސާލަކަށް ބުނާނަމަ، ނަސީބު ހުރި ދުވަހެއް ވެއްޖިއްޔާ ކުރިއަށް ކުޅެގެން ހަމަ ކޮންމެ ފަދަ ޓީމެއްވެސް ބަލިކޮށްލަފާނެ. އެކަމަކު ހަމަ އެގޮތަށް އެންމެ އާދައިގެ ބައެއް އަތުންވެސް ޑިފެންސިވްގައި ބަލިވެދާނެ،" އާސެނަލްގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.
"ކަޕް ފައިނަލްގައި އަދި ލީގުގައި ވެސް ޗެލްސީއާ ދެކޮޅަށް ވަރަށް މޮޅު ކުޅުމެއްދައްކައި މެޗު ކާމިޔާބުކުރި. އެހެން ނަމަވެސް ވޮޓްފޯޑް އާ ދެކޮޅަށް އެ ކުޅުމެއް ނުދެއްކުނު، އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ކުޅުންވެސް ފެންނާނެ. މިއީ މިކަން ކުރެވޭނޭ ގޮތެއް ނޫން."
ޑިކްސަން ބުނީ، ޓީމަށް ދިމާވެފައިވާ އަނެއް މައްސަލައަކީ، ކުޅުންތެރީން ލައްވައި ރަނގަޅަށް މަސައްކަތް ކުރުވަން ކޯޗަށް ނޭނގުން ކަމަށެވެ. އެގޮތުން، ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން އެލެކްޒެންޑަރ ލަކަޒެޓީއަށް ފުރުސަތު ނުދިނުމާއި، ސަންޗޭޒްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭކަން ފާހަގަކޮށް ޑިކްސަން ވަނީ ވެންގާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
މީގެ އިތުރުން ޑިކްސަން ބުނީ، އާސެނަލް މިވަގުތު ބައްޓަންވެފައި އޮތީ، ހަމައެކަނި ފޯވާޑް ލައިނަށް އިސްކަންދޭ ޓީމެއްގެ ގޮތުގައި ކަމަށާއި ޑިފެންސް ލައިނަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާ ކަމަށެވެ. އަދި މެޗުގެ އޮއިވަރާ އެއްގޮތަށް ވެންގާއަށް ޓީމު ބަދަލު ނުކުރެވޭކަންވެސް އޭނާ ފާހަގަކުރިއެވެ.