04 Aug 2011, 12:30
އިނގިރޭސި މުއްސަނދި ކްލަބް މެންޗެސްޓާ ސިޓީން ނަން މަޝްހޫރު ކުޅުންތެރިން ހޯދުމަކުން އެކްލަބުގެ ވާދަވެރިން ކަމަށްވާ މެންޗެސްޓާ ޔުނައިޓަޑާއި އެއް ފަންތިއަށް ވާސިލުވެވެން ނެތް ކަމަށް މެންޔުނައިޓެޑްގެ ކުރީގެ ތަރި އެރިކް ކެންޓޯނާ ބުނެފި އެވެ. މަޝްހޫރު އަގުބޮޑު ކުޅުންތެރިން ގެނައުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް ޚަރަދުކުރުމަށް ކެންޓޯނާ ވަނީ މެންސިޓީ އަށް ގޮވާލާފަ އެވެ.
މެންޗެސްޓާ ސިޓީއަށް އަންނަ ސީޒަނަށް ގެނައި ސާޖިއޯ އަގުއެރޯ، ގާލް ކްލިޗީ އަދި ސްޓެފަން ސަވިޗް ގެނައި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބީ އާއި ހަމައަށް ދުވަހަކުވެސް ވާސިލުނުވެވޭނެ ކަމަށް ނިއުޔޯކް ކޮސްމުސްގެ ސްޕޯޓިންގް ޑިރެކްޓާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ހަތް ނަމްބަރު ޖާޒީގައި ކުރިން ކުޅެފައިވާ އެރިކް ކެންޓޯނާ ބުނެފައިވެ އެވެ.
"މެންޗެސްޓާ ޔުނައިޓެޑަކީ އެންމެ މޮޅު ޓީމް. އަހަރެންނަކަށް ނޭނގޭ މެންސިޓީން ކުރަން އުޅޭ ކަމެއް. އެމީހުން އެއުޅެނީ އަގުބޮޑުކޮށް ކުޅުންތެރިން ގަނެ ނަން މަޝްހޫރު ޓީމަކަށް ހަދަން. އެމީހުންނަށް ކާމިޔާބެއް ލިބިފައި ވަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕުން. އެކަމަކު އެމީހުންނަކަށް މެންޗެސްޓާ ޔުނައިޓެޑް ފަދަ ވަރުގަދަ ޓީމަކަށް ނުވެވޭނެ. މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަވީ ކުރިންސުރެ ޒުވާން ކުޅުންތެރިން ތަމްރީނުކޮށް އެމީހުން ކުރިއެރުވީމަ." ކެންޓޯނާ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށްފަހު ރިޓަޔާކޮށްފައިވާ ޕޯލްޝޯލްސްގެ މަގާމް އެހެން ކުޅުންތެރިއަކު ފުރުވުމަށް އުނދަގޫވާނެ ކަމަށް އެކްލަބުގެ ކޯޗް ފާގަސަން ބުނި ނަމަވެސް ފާގަސަން ކަހަލަ މޮޅު ކޯޗަކަށް މޮޅު ކުޅުންތެރިއެއްގެ މަގާމަށް އެކަށޭނެ ކުޅުންތެރިއެއް ތަމްރީނު ކުރެވޭނެ ކަމަށް ގަބޫލުކުރެ އެވެ.
"އަހަރެންނަށް އެނގޭ ޝޯލްސް ވަރަށް ކުރިންސުރެ. އަހަރެމެން ކުޅެން ފަށައިގެން އުޅެނިކޮށް އޭނާ ޓީމާއި ގުޅުނީ. އެއީ މޮޅު ކުޅުންތެރިއެއް. ޝޯލްސްއަށް މެދުތެރެއަށާއި. ކުރިއަށް އަދި ޑިފެންސްގެ އިތުރު ގޯލްވެސް ޖެހޭނެ. އޭނާއަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ. އަހަރެން އޭނާއާމެދު ފަހުރުވެރިވަން. ފާގަސަން ޝޯލްސް ކުޅުންތަނަށް ކުޅުންތެރިއަކު ތަމްރީނުކުރެވޭނެ. ފާގަސަންއަކީ މޮޅު ކޯޗެއް. އެކަން އޭނާ ސާބިތުކޮށްފައިވޭ." ކެންޓޯނާ ބުންޏެވެ.
ކެންޓޯނާ، ކްރިސްޓިއާނޯ ރޮނާލްޑޯ، މާކް ހިއުސް، ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިން މެންޗެސްޓާ ޔުނައިޓެޑުން ވަކިވިނަމަވެސް އެކްލަބަކީ އެންމެ މޮޅު ކްލަބު ކަމަށް ކެންޓޯނާ ގަބޫލުކުރެ އެވެ.