ދިވެހި ފިލްމީ ދާއިރާގައި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދެމުން އަންނަ ފިލްމް އެވޯޑްސް ޑިސެމްބަރު މަހުުގެ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޑިސެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ އަށްވަނަ ފިލްމް އެވޯޑްސްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހަވާލުކޮށްފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއެވެ. މިކަމުގެ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީ އަދި ޕީއެސްއެމްއާ ދެމެދު އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އިރުތިޝާމް އާދަމްއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހިމް ހަލީލެވެ.

އަށްވަނަ ފިލްމް އެވޯޑުގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި މުއްދަތު މިމަހުގެ 15 އަށް ހަމަވައިރު މިފަހަރުގެ ފިލްމު އެވޯޑްސްގައި ބައިވެރި ކުރެވޭނީ 2014 އިން 2016 އާ ހަމައަށް ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.

މި މުއްދަތުގައި 17 ފިލްމެއް ވަނީ ރިލީޒްކޮށްފައެވެ. އެއީ ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ، ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން، އަހްޝާމް، އެ ރެއަށް ފަހު، ނޭނގި ޔާރު ވަކިވީ، ވާށޭ މަށާއެކީ، ވަފާތެރި ކެހިވެރިޔާ، ހާދަރު، 4426، ވީ ބޭވަފާ، އަދި ބައިވެރިޔާ އެވެ.

މިދިޔަ އަހަރުގެ ފިލްމް އެވޯޑްސްގައި އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ ލޫދިފާއެވެ. ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ އަމްޖަދު އިބްރާހިމް (އަމްޖޭ) އަށެވެ.

ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުން ތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ، އަގު ވަޒަންކޮށް އެކުވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްތުމުގެ މަގްސަދުގައި ދެމުން އަންނަ ގައުމީ ފެންވަރުގެ އެވޯޑެކެވެ. މީގެ ކުރިން ގައުމީ ފިލްމު އެވޯޑްސް ގެ ނަމުގައި ދެމުން އައި އެވޯޑް މިއަހަރުން ފެށިގެން ދޭނީ ދިވެހި ފިލްމު އެވޯޑްސްގެ ނަމުގައެވެ.