އިންޑިއާގެ އިތުރުން ދިވެހީންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކޮމީޑިއަން އަދި ޓީވީ އެކްޓްރެސް، ބާރްތީ ސިންގްގެ ކައިވެނި އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި އެވެ.

ބާރްތީ އާއި އޭނާގެ ލޯބިވެރިޔާ ހަރްޝް ލިމްބަޗިޔާ ކައިވެނި ކުރުމަށް ހަމަޖައްސާފައި އޮތީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު އެ ކައިވެނި ވަނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހަށް ފަސްކޮށްފައެވެ.

މީގެ 10 ވަރަކަށް މަސް ކުރިން ދެމީހުން އެންގޭޖުކޮށްފައި ވާއިރު ކައިވެނި ފަސްކުރަން ޖެހުނީ ހަރްޝްގެ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް ނިމެންދެނެވެ.

ހަރްޝް ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް ނިމިފައިވާކަން ވަރަށް ފަހުން ހާމަކޮށްފައެވެ. އަދި އެ ޕްރޮޑަކްޝަން ހައުސް އިން ފިލްމާއި ވެބް ސީރީޒް އަދި ޓީވީ ޝޯވތައް އުފައްދަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

ހަރްޝް ބުނީ ޕްރޮޑަކްޝަން ހައުސް ނިމި، އޭނާގެ ލޯބިވެރިޔާ ބާރްތީ އާއި ކައިވެނި ކުރެވުމަކީ އޭނާއަށް ލިބޭނެ އެންމެ ބޮޑު އުފާ ކަމަށާއި، ދެކަން ދާދި އެކު އެކީގައި ނިމިގެން ދިއުމަކީ އެ އުފާ އިތުރުވާ ކަމެއް ކަމަށެވެ.

ދެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގޯއާގައެވެ. ކައިވެންޏަށް ތައްޔާރުވުމަށް ބާރްތީ ވަނީ މަސައްކަތުން ދެ މަސް ދުވަހުގެ ބްރޭކެއް ވެސް ނަގައިފައެވެ.