08 Nov 2017, 08:30
ރެޕް ލަވަ ކިޔައިގެން މަޝްހޫރުކަން ހޯދި ފަންނާނު ޕޫޖާ ޖެއިން ނުވަތަ ޑިންޗަކް ޕޫޖާ ބޮލީވުޑަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އޭނާ ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައި ވަނީ ސަލްމާން ޚާންގެ ޝޯވ 'ބިގް ބޮސް' ގެ 11 ވަނަ ސީޒަން އިން އެލިމިނޭޓް ވުމަށްފަހު މީޑިއާއަށް ދިން އިންޓަވިއު އެއްގައެވެ. ބިގް ބޮސް އިން އޭނާ އެލިމިނޭޓް ވެފައިވަނީ ޝޯވ ގައި ބައިވެރިވިތާ ދެ ހަފްތާ އަށް ފަހު އެވެ.
'ބިގް ބޮސް' އަށް ފަހު ދެން ވިސްނުން ހުރީ ކޮން ކަމަކަށްތޯ ސުވާލު ކުރުމުން ޑިންޗަކް ޕޫޖާ ބުނީ ބޮލީވުޑަށް ޝައުގުވެރިކަން ހުރި ކަމަށާއި، އޭނާގެ އެކްޓު ކުރުމުގެ ހުނަރު ޓެސްޓު ކޮށްލަން ބޭނުން ކަމަށެވެ. އަދި ހުށަހެޅުމެއްގެ އިންތިޒާރުގައި ހުރި ކަމަށް އޭނާ ބުންޏެވެ.
އުމުރުން 23 އަހަރުގެ ޕޫޖާ އަކީ ނިއު ދިއްލީއަށް އުފަން މީހެކެވެ. އޭނާ އެންމެ ފުރަތަމަ ކިޔައިފައި ވަނީ 'ސްވެގް ވާލީ ޓޯޕީ' ކިޔާ ލަވައެކެވެ. ނަމަވެސް އޭނާ މަޝްހޫރުވެގެން ދިޔައީ 'ސެލްފީ މޭނޭ ލޭލީ އާޖް' ފަދަ ލަވަތަކުންނެވެ.
އޭނާގެ ލަވަތައް މަޝްހޫރުވެގެން ދިޔައީ ލަވަތައް ރީތިވެފައި މޮޅުވެގެނެއް ނޫނެވެ. އެކަން ޚުދު އޭނާވެސް ދަނެ އެވެ. ޕޫޖާ ބުނީ މިއުޒިކަށް އަދި ބީޓަށް ވެސް އެއްވެސް ހޭދައެއް ނުކުރާ ކަމަށާއި، ލަވަތައް "މަޖާ" ވަނީ އެހެންވެ ކަމަށެވެ. އަދި ފައިސާ ހޭދަކުރިޔަސް ލަވަތަކާއި ލިރިކްސް ރަނގަޅު ނުވާނެކަން އެނގޭ ކަމަށާއި ބޭނުންވަނީ ތަފާތު ކަމެއް ކުރަން ކަމަށެވެ.
އޭނާގެ ލަވަތައް މީހުންނަށް ކަމުދާ ކަމަށާއި މީހުން ކިޔާ އެއްޗެހި އަޑު ނާހާކަމަށް ޕޫޖާ ބުންޏެވެ. އަދި ލަވަ ކިޔުމައިގެން ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.