އަކްޝޭ ކުމާރުގެ ފިލްމު 'ޕެޑްމޭން' އަދި '2.0' އަންނަ ޖެނުއަރީ މަހު އެކުގައި ރިލީޒް ކުރާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

'ޕެޑްމޭން' ރިލީޒް ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް ފަހުން އެ ތާރީޚު ވަނީ ޖެނުއަރީ 2018 އަށް ބަދަލުކޮށްފައެވެ. އަދި އޭގެ އިތުރުން އަކްޝޭ ނެގެޓިވް ރޯލުން ފެނިގެންދާ، ރަޖްނީކާންތުގެ ފިލްމު '2.0' ވެސް ޖެނުއަރީ މަހު ރިލީޒް ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

ކައިރި ކައިރީގައި ފިލްމު ރިލީޒް ކުރުމަކީ އާންމު ކަމެއް ނަމަވެސް، މިއީ އެއް ފަންނާނެއްގެ ދެ ފިލްމު އެކުގައި ރިލީޒް ކުރާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިގެން ގޮސްފައެވެ.

ނަމަވެސް ކަންބޮޑުވާންވީ ސަބަބެއް ނެތެވެ. ދެ ފިލްމު އެކުގައި ރިލީޒް ނުކުރާނެ ކަމުގެ ޔަގީންކަން އަކްޝޭ މިވަނީ ދީފައެވެ. އަކްޝޭ ބުނީ އެ ތާރީޚުގައި ރިލީޒް ކުރާނީ 'ޕެޑްމޭން' ނުވަތަ '2.0' ކަމަށެވެ.

"ޕެޑްމޭން އަކީ އަހަރެން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެއް. 2.0 އަކީ ޝަންކަރް، ރަޖްނީކާންތު އަދި ލައިކާ ޕްރޮޑަކްޝަންސްގެ ފިލްމެއް. އެ ފިލްމު ރިލީޒް ކުރާނެ ތާރީޚެއް ކަނޑައަޅާނީ އެމީހުން. އެމީހުން ޖުމްހޫރީ ދުވަހު ފިލްމު ރިލީޒް ކުރާނަމަ، އަހަރެންގެ ފިލްމެއް ނުކުރާނަން. ނޫނީ އަހަރެން ޕެޑްމޭން ރިލީޒް ކުރާނީ،" އަކްޝޭ ބުންޏެވެ.

'ޕެޑްމޭން' ގައި އަކްޝޭ އާއެކު ފެނިގެން ދާނީ ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭ އެވެ. ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ އާރް ބަލްކީ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ނިކުތް 'ރޮބޮޓް'ގެ ދެވަނަ ބައިގެ ގޮތުގައު އުފައްދާ ފިލްމު '2.0'ގައި އަކްޝޭ އަދާ ކުރަން ހަމަޖެހިފައިވަނީ ނުބައި މީހެއްގެ ރޯލެވެ.