07 Nov 2017, 23:23
ސައުދި އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ފަހުދު ބިން އަބްދުލް އަޒީޒްގެ ދޮށީ ދަރިކަލުންގެ ފިރިހެން ދަރިކަލުން ޕްރިންސް ތުރުކީ ބިން މުހައްމަދު ފަހުދު އިރާނުން ހިމާޔަތް ހޯދައިފި އެވެ.
ސައުދީ ޕްރިންސް ބޮޑުބޭބޭ ވިދާޅުވާ ޕްރިންސް ތުރުކީ ބިން މުހައްމަދު ފަހުދު އިރާނުން ހިމާޔަތް ހޯދީ މިއަދު އެވެ.
އިންޑިއާ ޓުޑޭއިން ބުނެފައި ވަނީ ޕްރިންސް ތުރުކީ، ގައުމު ދޫކުރައްވައި ވަޑައިގެންނެވީ އޭނާގެ ބޮޑުބޭބެ އަވަހާރަވިތާ މަދު ގަޑިއިރެއްގެ ތެރޭގައި ކަމަށެވެ.
އިރާނަކީ ސައުދީގެ ހަތުރެކެވެ. މަޒުހަބީ ދެބަސްވުމާހެދި، އިސްލާމީ ދުނިޔެގައި އެ ދެ ގައުމުގެ ކޯޅުން ދެމިގެންދާތާ ޒަމާންތަކެއް ވެއްޖެ އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޕްރިންސް އަޒީޒު އަވަހާރަވީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތޭރެގައި ބަޑިން ދިން ހަމަލާތަކަށް ފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ގައުމު ދޫކުރައްވައި ޕްރިންސް ތުރުކީ ވަޑައިގެންނެވި އިރު ސައުދީ ސަރުކާރުން ވަނީ ޝާހީ އާއިލާގެ ބޭފުޅުން ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ގައުމުން ބޭރަށް ވަޑައިނުގަންނެވޭނެ ގޮތް ހަދައިފަ އެވެ.
ކޮރަޕްޝާނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު އިސްވެ އުފައްދަވައިފައިވާ ކޮމެޓީގެ ދަށުން މިހާތަނަށް ވަނީ 11 ޕްރިންސަކާއި ހަތަރު ވަޒީރެއް ވެސް ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކޮށްފައިވާ ޕްރިންސުންގެ ތެރޭގައި ބިލިއަނަރު ވަލީދު ބިން އަލް ތަލާލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ވަލީދަކީ މިހާރު ވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެޕަލް، ސިޓީ ގްރޫޕް، ޓްވެންޓީ ފަސްޓް ސެންޗަރީ އަދި ޓްވިޓާގައި ހިއްސާ އޮންނާ ބޭފުޅެކެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 90ގެ އަހަރުތެރޭގައި އޭނާގެ ރިއަލް އެސްޓޭޓް ވިޔަފާރި އަޑިއަޅައިލައިފައިވާތީވެ ޓްރަމްޕަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވީ ވެސް ވަލީދު އެވެ.