22 May 2010, 05:25
10:00
އިސްލާމާއި ދިވެހި އިޚްތިޔާރީ މާއްދާއަކަށްހެދި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ޑީއާރުޕީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިންމަނިކު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓަރގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ އެކަމަށް ތާއީދު ކުރައްވައި ވޯޓު ދެއްވާނެ ކަމަށެވެ. އަދި ކުއްލިއްޔާގެ ފާރު ތަޅައި ލުމާއި، ކީރިތި ގުރުއާނާބެހޭ މަރުކަޒު ބަންދު ކުރުމަށް ސަރުކާރުން މަސައްކަތްކުރި ހިސާބުން ފެށިގެން، ރާއްޖެއިން އިސްލާމްދީނާއި ދިވެހިބަސް ނައްތާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތާދެކޮޅަށް ޑީއާރުޕީން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އިސްލާމާއި ދިވެހި މާއްދާއަކީ އިހްތިޔާރީ ދެ މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސުމާ ގުޅިގެން މިނިސްޓަރ ޑރ. މުސތަފާ ލުތުފީއަށް އެކިފަރާތްތަކުން އަންނަނީ ވަރަށްބޮޑަށް ފާޑުކިޔަމުން ނެވެ. އެގޮތުން އަދާލަތު ޕާޓީން އެކަން ވަރަށްބޮޑަށް ކުށްވެރިކޮށް އެކަމާދެކޮޅަށް މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ވަނީ ގޮވާލައިފަ އެވެ. އަދި އެމައްސަލައިގައި ޑރ.މުސްތަފާ ލުތުފީ އުޅުއްވާ ގޭދޮށަށް ބަޔަކު އެއްވެ އެ ނިންމުން ބަދަލު ކުރުމަށާއި، އެމަނިކުފާނުގެ އިސްތިއުފާއަށް ވަނީ ގޮވައިފަ އެވެ.
އަންނަމަހުގެ ހަތްވަނަދުވަހު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށޭއިރަށް، އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް މުއްތަލިބާ ގުޅޭގޮތް ނުވުމުގެ ސަބަބުން އެމައްސަލައާބެހޭ އިތުރު ތަފްސީލް ވަނީ ނުލިބިފަ އެވެ.