އަތުގެ ނިޔަފަތިތައް އަނގައަށް ލުމަކީ ބައެއް މީހުންނަށް އިހްތިޔާރަކާ ނުލައި ކުރެވޭ ކަމެކެވެ. ބިރު ގަތުމުން، ނޫނީ ހާސްވުމުން ނޫނީ މާބޮޑަށް ކަމެއްގެ ތެރެއަށް ވަދެ އިނދެ އެކަމެއް ކުރާއިރުވެސް ނިޔަފަތިތައް އަނގައަށް ލެވި ހެފޭތަން އާދެއެވެ.

ނިޔަފައްޗަކީ ގިނަ މީހުން އެހާ ބޮޑު ސަމާލުކަމެއް ދޭ ގުނަވަނެއް ނޫނެވެ. އަނެއް ބައިމީހުން ބޮޑެތި ހަރަދުތައް ކޮށް ނިޔަފައްޗަށް "ފަރުވާ" ކުރަން ގިނަ ވަގުތު ހޭދަކުރަނީ ސެލޫންތަކާ ސްޕާ ތަކުގައެވެ. ކޮންމެއަކަސް ނިޔަފައްޗަކީ ކޮންމެ މީހަކުވެސް ސަމާލުކަންދޭން ޖެހޭ ގުނަވަނެކެވެ.

ނިޔަފަތި ކެއުން ހުއްޓަލަން ޖެހޭ

ނިޔަފަތި ކެއުމަކީ ބައެއް މީހުންގެ ތަބީއަތުގައި ހިފާފައި ހުންނަ އާދައެކެވެ. މިއީ ދަތްތަކަށްވެސް ނުހަނު ގެއްލުން ހުރި ކަމެކެވެ. ނިޔަފަތި ކާ މީހުންނަށް، އެ ދިރުވައިލެވުމުގެ ސަބަބުން ބަނޑުގެ މައްސަލަތައް ވެސް ދިމާވެއެވެ. ނިޔަފަތި ކެއުން ހުއްޓާލަން ބޭނުންވާ މީހުން، އިނގިލިތަކުގެ ކޮޅުގައި، ނިޔަފަތިތައް ނުފެންނަވަރަށް މަލަން އެޅިދާނެއެވެ.

ނިޔަފަތީގައި ޖައްސާ ކުލަ ނުކަހާތި

ނިޔަފައްޗަށް ގެއްލުން ލިބޭ އަނެއް ކަމަކީ ނިޔަފަތިތަކުގައި ޖައްސާފައި ހުންނަ ކުލަ "ކެހުމެވެ". މި ކުލަ ފިލުވާލުމަށް ބޭނުން ކުރަންވާނީ ނެއިލް ޕޮލިޝް ރިމޫވާއެކެވެ.

"ޓޫލް" އެއްގެ ގޮތުގައި ނިޔަފަތި ބޭނުން ނުކުރާތި

ބައެއް މީހުންގެ ކަށީގައި ހިފާފައި ހުންނަ އާދައަކީ ދަޅެއްގެ މަތި ނަގަން ވިޔަސް، އެއްޗެއްގައި ތަތްކޮށްފައި އޮތް ލޭބަލެއް ނައްޓަން ވިޔަސް ނިޔަފަތި ބޭނުން ކޮށްގެން އެކަމެއް ފުރިހަމަ ކުރުމުގެ އާދައެވެ. ނަމަވެސް މިއީ ރައްކާތެރި އަދި ރަނގަޅު ގޮތެއްވެސް ނޫނެވެ.

ސާފު ކުރާއިރު އަންގި ލައްވާ

ފާޚާނާ ސާފުކުރާއިރު، ތަށި ދޮންނަ އިރު އަތަށް އަންގި ލައްވަން ހަނދާން ކުރާށެވެ. މިއީ އަތުގެ ހަންގަނޑަށް ވެސް އަދި ނިޔަފަތި ތަކަށް ވެސް އެންމެ ފައިދާހުރި ގޮތެވެ. ސާފުކުރަން ބެނުންކުރާ ސާމާނުގައި އެކުލެވޭ ކެމިކަލްގެ ސަބަބުން ހަންގަނޑަށް ގެއްލުންވާނެ އެވެ.