ސެން ފްރެންސިސްކޯ (ނޮވެމްބަރު 7): އެމެރިކާގެ ސެން ފްރެންސިސްކޯގައި ޑެލިވެރީ ޓްރަކަކުން މިއަދު 300 އަށް ވުރެ ގިނަ އައިފޯން 10 ވަގަށް ނަގައިފި އެވެ.

ސެން ފްރެންސިސްކޯގެ ފިހާރައެއް ކައިރީ ޑެލިވަރީ ޓްރަކް މަޑުކޮށްލި ވަގުތު ވަގަށް ނެގި އައިފޯނުގެ އަގު 370،000ށް ވުރެ އިތުރުވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނާއިރު، ފޯނުތައް ވަގަށް ނެގި މަންޒަރު ފެނުނު މީހަކު ވަނީ އެތަން ފޮޓޯ ނަގާފަ އެވެ. ކެލިފޯނިއާގެ ފުލުހުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ.

މިމަހުގެ ތިން ވަނަ ދުވަހު 50 ގައުމެއްގައި ވިއްކަން ފެށި އައިފޯން 10 ގަތުމަށް އެޕަލް ބާޒާރުތަކުގައި އެތައް ހާސް މީހުން ވަނީ ދިގު ކިޔޫތައް ހަދާފަ އެވެ. އައިފޯން އެކްސްގެ އަގު ފެށެނީ 999 ޑޮލަރުންނެވެ.

އައިފޯން 10ގައި ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ފޯނުން އަމިއްލަ ސިފަ ދެނެގަނެ، އަންލޮކު ކުރުމާއި، ވަޔަލެސްކޮށް ޗާޖު ކުރެވުން ހިމެނެ އެވެ. (ސީއެންބީސީ)