07 Nov 2017, 17:00
ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ހިންގާ މެރިކަލްޗާ އެންޓާޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގައި ކުރިއަށް ގެންދާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ. އިސްދޫގައި މިއަދު ފަށައިފިއެވެ.
އެ މަސައްކަތް އިފްތިތާޙް ކޮއްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުޙަންމަދު ޝައިނީއެވެ.

އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފެށުން -- ފޮޓޯ ފިޝަރީޒް މިނިސްޓްރީ
އެ މަސައްކަތުގެ މަގުސަދަކީ ކަނޑުގެ ދިރުން އާލާކޮށްގެން ރައްޔިތުންނަށް އާމްދަނީ ލިބޭނޭ މަގުތައް ތަނަވަސް ކޮށްދިނުން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.
އިސްދޫގެ އިތުރުން ލ ދަނބިދޫ އަދި ކަލައިދޫގައިވެސް ހުއިފިލަނޑާ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފެށުން -- ފޮޓޯ ފިޝަރީޒް މިނިސްޓްރީ
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މެރިކަލްޗާ އެންޓާޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ލުއި ލޯނު ދޫކޮށްގެންނެވެ. ލޯނުގެ ދަށުން ފޯރުކޮށްދެވެނީ ހުއިފިލަނޑާ ބޮޑުކުރުމަށް ބޭނުންވާ ކޮށްޓާއި ޅަ ހުއިފިލަނޑައެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ލ. އަތޮޅުގެ 150 ފަރާތަށް ފުރުސަތު ހުޅުވާލެވުނެވެ. މީގެތެރޭން 122 ފަރާތުން މިހާރު ދަނީ އަމަލީ ގޮތުން މަސައްކަތް ކުރަމުންނެވެ.