07 Nov 2017, 17:10
ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގާ އިންޖީނުގެތަކާއި އެތަންތަން ހިންގުމަށް ޤާއިމުކުރެވިފައިވާ އެންމެހާ ވަސީލަތްތައް އަގު މަގުކޮށް ބެލެހެއްޓުމަށް އެފްޖޭއެސް އެސޯސިއޭޓްސްއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ތާރިގް އިބްރާހިމްއެވެ. އެފްޖޭއެސް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ސަނާ މަންސޫރެވެ.
އެއީ ރާއްޖޭގެ ރަށްރަށުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސޮއި ކުރެވުނު އެއްބަސް ވުމެކެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޭޝިއަން ޑިވެލޮޕްމެންޓް ބެންކް (އޭޑީބީގެ) އެހީގައެވެ. މަސައްކަތުގެ އަގަކީ 1,351,204 ރުފިޔާއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓާ ތާރިގު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ފެނަކައިން ޚިދުމަތް ފޯރުކޮށް ދޭ ރަށްރަށުގައި ޤާއިމުކުރެވިފައިވާ އިންޖީނުގެތަކާއި އެތަންތަން ހިންގުމަށް ޤާއިމުކުރެވިފައިވާ އެންމެހާ ވަސީލަތްތައް އަގު މަގުކޮށް ބެލެހެއްޓިގެންދާނެ ކަމަށެވެ.
އެއީ މީގެކުރިން ކުރެވިފައިވާ މަސައްކަތެއް ނޫން ކަމަށާ އެ މަސައްކަތް އެގޮތަށް ކުރެވިފައި ނުވާތީ، ފެނަކައިން ދޭ ޚިދުމަތް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް މިނިސްޓާ ވިދާޅުވިއެވެ.
"މި މަސައްކަތުގެ ސަބަބުން މި ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދެވިގެންދާނެ. އަދި މިމަސައްކަތުގެ ސަބަބުން އިންޖީނުގެތައް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސޭހައިން ދެނެގަތުމަށް މަގުފަހިކޮށްދޭނެ."
މިނިސްޓާ ވިދާޅުވީ ި މިމަސައްކަތް ނިމިގެންދިއުމުން ފެނަކައިގެ މިލްކިއްޔާތުގައިވާ ހުރިހާ ހަރުމުދަލެއްގެ ހަމަ އަގު އެނގި ކުންފުނީގެ ވެލިއު އެނގިގެންދާނެ ކަމަށާ ފެނަކައަށް ކުރިމަގުގައި ތަރައްޤީކޮށް ކުރިއަރުވަން ބޭނުންވާ ކަންކަމަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.