07 Nov 2017, 15:47
ސައުދީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެ ގައުމުގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި އަލް ތަޔާރުގެ ވެރިޔާ ނަސީރު ބިން އަގީލް އަލް ތަޔާރު ހައްޔަރުކޮށްފި އެވެ. ނަސީރަކީ ސައުދީގައި ވަރަށް މަޝްހޫރުވިޔަފާރި ވެރިއެއްގެ އިތުރުން ވަރަށް ނުފޫޒު ގަދަ ބޭފުޅެއް ވެސް މެ އެވެ. ނަސީރު ހައްޔަރުކޮށްފައިވާ އިރު އޭނާގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމުގެ އިތުރުން އޭނާ ވަނީ އުދުހުން މަނާ ލިސްޓަށް ވެސް އަރުވައިފަ އެވެ.
ނަސީރު ހައްޔަރުކުރުމާ އެކު އޭނާގެ ކުންފުނީގެ ހިއްސާ ވަނީ 10 ޕަސެންޓް ވެއްޓިފަ އެވެ.
ކޮރަޕްޝާނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު އިސްވެ އުފައްދަވައިފައިވާ ކޮމެޓީގެ ދަށުން މިހާތަނަށް ވަނީ 11 ޕްރިންސަކާއި ހަތަރު ވަޒީރެއް ވެސް ހައްޔަރުކުކޮށްފަ އެވެ.
ހައްޔަރުކޮށްފައިވާ ޕްރިންސުންގެ ތެރޭގައި ބިލިއަނަރު ވަލީދު ބިން އަލް ތަލާލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ވަލީދަކީ މިހާރު ވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެޕަލް، ސިޓީ ގްރޫޕް، ޓްވެންޓީ ފަސްޓް ސެންޗަރީ އަދި ޓްވިޓާގައި ހިއްސާ އޮންނާ ބޭފުޅެކެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 90ގެ އަހަރުތެރޭގައި އޭނާގެ ރިއަލް އެސްޓޭޓް ވިޔަފާރި އަޑިއަޅައިލައިފައިވާތީވެ ޓްރަމްޕަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވީ ވެސް ވަލީދު އެވެ.
ސައުދީގެ ނޫހެއް ކަމަށްވާ އަލް އަޝާގުން ބުނި ގޮތުގައި ސައުދީ ސަރުކާރުން ވަނީ އެދުހުން މަނާ މީހުންގެ ލިސްޓެއް ވެސް ނެރެފަ އެވެ. އަދި ސައުދީގެ ޕްރައިވެޓް ޖެޓްތައް ވެސް ހާއްސަ ހުއްދައެއް ނެތި ނޫނީ ދަތުރުކުރިޔަ ނުދިނުމަށް ވެސް އަންގައިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.