މިހާރު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާ ސިޔާސީ ޕާޓީއެއްގެ މަގާމުގައި އޮތް ހަމަ އެކަނި ޕާޓީ އަކީ ވެރިކަން ކުރާ، ޕީޕީއެމް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އަދުރޭ ވަނީ ޕީޕީއެމް ނޫން ސިޔާސީ ޕާޓީތަކަށް ފާޑު ވިދާޅުވެފަ އެވެ. އަދުރޭ ވިދާޅުވީ ސިޔާސީ މަސައްކަތް ކުރާ ހަމަ އެކަނި ޕާޓީއަކަށް އޮތީ ޕީޕީއެމް ކަމަށެވެ.

"ސިޔާސީ ޕާޓީއަކަށް މިހާރު ރާއްޖޭގައި އޮތީ ހަމަ އެކަނި ޕީޕީއެމް. އިތުރު ސިޔާސީ ޕާޓީއެއް ނެތް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އުޅެނީ ދައްކާފައި ނުދައްކާނެ ވާހަކައެއް ނޭނގިގެން ކަމަށެވެ. އިއްޔެ އިންތިގާލީ ވެރިއެއްގެ ވާހަކަ ދައްކަން އުޅެފައި މިއަދު އެއީ ނުދައްކާ ވާހަކައެކޭ ވިދާޅުވީ ޕާޓީތަކަށް އެއްބަސް ނުވެވުމުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މި އަހަރުގެ ބާކީ އޮތް ކޮންމެ ދުވަހަކު ޖަލްސާ ބޭއްވިޔަސް ތަރައްގީގެ ވާހަކަ ދައްކައި ނުނިމޭނެ ކަމަށެވެ.

ޕީޕީއެމުން އިންތިޒާމުކޮށްގެން މި ފަހަކަށް އައިސް ގިނަ ޖަލްސާތަކެއް ދަނީ ބާއްވަމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވެސް ބޮޑު ދެ ޖަލްސާއެއް ބޭއްވުމަށް ވަނީ ރާވައިފަ އެވެ.

ޖަލްސާތަކުގެ ބޭނުމަކީ ރައީސް އަބްދުﷲ ޔާމީން ގެންނަވާ ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ވާހަކަ ދެއްކުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މި ޖަލްސާތައް މިއަށް ވުރެ ވެސް އިތުރުކުރަން އެބަޖެހޭ. އެއީ ރައީސް ޔާމީން ކޮށްދެއްވާފައި ހުރި މަސައްކަތްތަކުގެ ވާހަކަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދޭތެރޭ މިއޮތް 10 މަސް ދުވަހު ކޮންމެ ދުވަހަކު ޖަލްސާއެއް ބޭއްވިޔަސް ނުދެއްކޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ގޫގުލް ސްޕީޑުގައި ތަރައްގީ ގެންނަ ވާހަކައަށް ބާރުދެމުން ރިޔާޒު ވިދާޅުވީ އެނބޫދޫ ފިނޮޅު ތަންތަން މިހާރު ހިއްކައި ނިންމާފައި އޮތް އިރު އެހަމައަށް އަދި ގޫގުލްއަށް ވެސް ނާދެވޭ ކަމަށެވެ.