07 Nov 2017, 16:00
ޓެރަރިޒަމަކީ މިއަދު ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރިމަތިލާން ޖެހިފައިވާ ނުރައްކަލެއް ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އދ.ގެ ކައުންޓާ ޓެރަރިޒަމް ކޮމިޓީ އެކްޒެކަޓިވް ޑައިރެކްޓްރޭޓް (ސީ-ޓެޑް) އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން، ދެކުނު އަދި އިރު ދެކުނު އޭޝިޔާގެ ގައުމުތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ ސަރަޙައްދީ ބައްދަލުވުން ފެށުމަށް ހޮލިޑޭއިން ކަނޑޫމާ މޯލްޑިވްސް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހުރިހާ ގައުމަކުން ވެސް ހަރުދަނާ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ.
ޓެރަރިޒަމާއި ނުރައްކާތެރި ހައްދުފަހަނަ އެޅުމާ ދެކޮޅަށް ދޭދޭ ގައުމުތައް މަސައްކަތްކުރުމުގައި އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ހަދައި، އެ އޮނިގަނޑުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް ހަރުދަނާކޮށް އެޅުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ތަޙުގީގަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރުމާއި، ޓެރަރިމާއި މިފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކުށްވެރިން ބަދަލުކުރުމުގެ އިޖުރާޢާތުތައް ފުރިހަމަކޮށް، ބައިނަލްއަގްވާމީ އޮނިގަނޑުގެ ތެރެއިން މަޢުލޫމާތާއި ލިޔެކިޔުން ބަދަލުކުރެވޭނެ އިންތިޒާމުތައް އުފެއްދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި މިފަދަ އުޞޫލުތައް އެކަށައެޅުމުގައި ވެސް، އިންސާނީ ޙައްގުތަކަށާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް ރިޢާޔަތްކުރުމާ އެކު، އާދަޔާޚިލާފު ހަރުކަށި އަދި އެކަށީގެންނުވާ އުޞޫލުތައް ޚިޔާރުކޮށްގެން ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ފެށި ސަރަޙައްދީ ބައްދަލުވުމަކީ ދެކުނު އަދި އިރުދެކުނު އޭޝިޔާގެ ގައުމުތަކުގެ ކައުންޓާ ޓެރަރިޒަމް ދާއިރާގައި މަސައްކަތްކުރާ މައި އިދާރާތަކަށް ޢަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. ބައްދަލުވުމުގައި، 16 ގައުމަކުން 46 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. ބައްދަލުވުން ކުރިއަށް ދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.