07 Nov 2017, 14:50
މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯ ސްޕެއިންގެ ރެއާލް މެޑްރިޑަށް ގެންދަން އުޅޭކަމުގެ އަޑުތަކެއް ފެތުރުމާއެކު، އެ ޓްރާންސްފަރ ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިސީޒަންގެ ސްޕެނިޝް ލީގާއި އަދި ޔޫރަޕްގައިވެސް ރެއާލް ދައްކަމުންދާ ނަތީޖާތައް ރަނގަޅު ނުވުމާއެކު އެ ކްލަބުން ވަނީ، ޓީމު ވަރުގަދަކުރުމަށް މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން، ކްލަބަށް އަލަށް ގެނައުމަށް، ރެއާލްގެ ރައީސް ފްލޮރެންޓް ޕެރޭޒް ތައްޔާރުކޮށްފައިވާ ލިސްޓުގެ އެންމެ ކުރީގައި އަގުއެރޯގެ ނަން ހިމެނޭކަމަށް ސްޕެއިންގެ ނޫހެއްކަމަށްވާ ޑިއަރިއޯގޯލްއިން ރިޕޯޓުކޮށްފައި ވެއެވެ.
މި ޚަބަރު ފެތުރުމާއެކު އާޖެންޓީނާގެ ކެޕްޓަން މެސީ، އޭނާގެ ޓީމް-މޭޓް އަގުއެރޯއަށް ގުޅާފައި، ބާސާގެ އެންމެ ވާދަވެރި ކްލަބާ ނުގުޅުމަށް އެދިފައިވާކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އަދި ސިޓީއާއެކު މިހާރުވެސް ހޯދަމުންދާ ކާމިޔާބީތައް ދެމެހެއްޓުމުގައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ތަރި ސާޖިއޯ އަގުއެރޯ -- ފޮޓޯ: ގޯލް
މެންޗެސްޓާ ސިޓީއާއެކު އަގުއެރޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2019އަށް ހަމަވާނެއެވެ. ފުޓްބޯޅައިގެ ތަޖްރިބާކާރުން ލަފާކުރާ ގޮތުގައި، އަންނަ ސީޒަންގެ ހޫނު މޫސުމުގެ ޓްރާންފަރގައި ސިޓީގެ ކޯޗް ޕެޕް ގާޑިއޮލާ ދޫކޮށްލާ ކުޅުންތެރީންގެ ތެރޭގައި އަގުއެރޯ ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ނަޕޯލީ އަތުން 4-2 ލަނޑުން ސިޓީ މޮޅުވި މެޗުގައ،ި ނަޕޯލީ ކޮޅަށް އޭނާ ކާމިޔާބުކުރި ލަނޑާއެކު ސަޖިއޯ އަގުއެރޯ ވެގެން ގޮސްފައި ވަނީ މެންޗެސްޓާ ސިޓީއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް 178 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އަގުއެރޯއަކީ، ޕްރިމިއަރ ލީގަށް ކުޅޭ ޔޫރަޕް ނޫން ކުޅުންތެރީންގެ ތެރޭން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާވެސްމެއެވެ.
މެސީއާ އަގުއެރޯއަކީ، ފުޓްބޯޅައިން ބޭރުންވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ އެކުވެރީންނެވެ.