07 Nov 2017, 15:05
ކުރިއަށް އޮތް މަސްވެރިކަމުގެ ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަތުމަށް ވާން ޖެހޭ ތައްޔާރިތައް މިފްކޯ އިން އޮތީ ވެފައި ކަމަށް މިފްކޯގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.
މިއަދު މިފްކޯގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ، މަސްވެރިކަމުގެ މޫސުމާ ދިމާކޮށް މަސްވެރިންނަށް ހިދުމަތް ދިނުމަށް ވަރަށް ރަނގަޅަށް މިފްކޯ އޮތީ ތައްޔާރުވެފައިވާ ކަމަށެވެ.
ޝަހީރު ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގެ އިންތިޒާމްތަކާއި މަސް ކިރުމާއި މަސްވެރިންނަށް މަސްގަނެފައި ވަގުތުން ލާރި ދެވޭނެ އިންތިޒާމް ވެސް މިހާރު ވާނީ ހަމަޖައްސާފައި ކަމަށެވެ. އަދި އެ އިންތިޒާމްތައް ހަމަޖެއްސުމަށް ޓަކައި މިފްކޯގެ އިންފްރާސްޓްރަކްޗާ ވެސް ރަނގަޅު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މިފްކޯގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޝަހީރު ވާހަކަފުޅު ދައްކަވަނީ --
މަސްވެރިކަމުގެ މޫސުމާ ދިމާކޮށް މިފްކޯގެ ހުރިހާ އައިސް ޕްލާންޓްތައް ވެސް ހިންގަން ފަށައި މަސް ފްރީޒް ކުރުމުގެ ހިދުމަތްދޭ ތަންތަން ވެސް ރަނގަޅުކޮށް މަސްކިރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
ޝަހީރު ވިދާޅުވީ، ފެލިވަރު އަޕްގްރޭޑް ކުރުމަށް ފަހު މިހާރު ކުރަމުންދާ މަސައްކަތަކީ ޕައުޗް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކަމަށާއި އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅުގައި ޕައުޗްގައި ބަންދުކުރެވި މަސް އެކްސްޕޯޓް ކުރަން ފެށޭނެ ކަމަށެވެ. އަދި ޕައުޗްގައި ބަންދުކޮށް ގަންނަށް ބޭނުންވާ ފަރާތްތަކާ އެކު އެގްރީމެންޓްގައި ސޮއިކޮށް ކަސްޓަމަރުން ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އަދުލީ އިސްމައީލް ވިދާޅުވީ، މަހުގެ އަގަކީ ތެޔޮ ފަދައިން އަގަށް ބަދަލު އަންނަ އެއްޗެއް ކަމަށާއި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވި ނަމަވެސް މަސްވެރިން އަތުން މަސްގަންނަ އަގު އެހާބޮޑަށް ދަށް ނުކުރާ ކަމަށެވެ.
މިއަދު މިފްކޯގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އަދުލީ ވާހަކަފުޅު ދައްކަވަނީ --
އަދުލީ ވިދާޅުވީ، މަސް އެކްސްޕޯޓް ކުރުމުގައި ރާއްޖޭގެ ގެއްލިފައިވާ ބައެއް މާކެޓްތަކާ އެކު ވާހަކަ ދައްކައި އެ މާކެޓްތައް ވެސް މިހާރު އަލުން ހޯދައިފަވާ ކަމަށެވެ. އަދި އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ.
މަސްވެރިންނަށް ހާއްސަކޮށް އެސްޓީއޯ އިން އަންނަނީ ހާއްސަ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދެމުންނެވެ. އަދި މަސްވެރިން އަތުން މަސްގަންނަ އަގު ވެސް މިފްކޯއިން ވަނީ އެއް ރުފިޔާ ބޮޑު ކޮށްފަ އެވެ.