07 Nov 2017, 14:48
ޕީޕީއެމްއަށް ހަ އަހަރު ފުރޭ އަހަރީ ޖަލްސާ މި މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށީގައި "އުދުހޭ"ނަމުގައި ބާއްވަން ޕީޕީއެމުން ނިންމައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާ އެ ޖަލްސާ އާ ބެހޭ ގޮތުން މިއަދު ޕީޕީއެމް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއު ރަސްމީކޮށް ރައީސް ޔާމީން ފައްޓަވައި ދެއްވާނެ ކަމަށެވެ.
ހަމަ އެރޭ ޕީޕީއެމްގެ އަހަރީ ޖަލްސާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
"އުދުހިގެންދާ ޖަލްސާއަކަށް މި ޖަލްސާ ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެއީ ޕީޕީއެމްއަށް ހަ އަހަރު ފުރޭ އަހަރީ ޖަލްސާ،" ނިހާން ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އިދިކޮޅު ފަރާތްތަކާއި ބައެއް އަމިއްލަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ޕީޕީއެމުން ބުނީ ކުޅި ހިއްކައިގެން ވެސް އެއާޕޯޓް އަޅާނީ ރައީސް ޔާމީން ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކަން މަހާ ޖައްރާފު މިހާރު އޮތީ އެ ރަށުގައި ބަނދަރުކޮށްފަ އެވެ.
މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި "އަސްތާ"ގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ޖަލްސާއެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.