އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް މި ހަފްތާގެ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާވަލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބަޖެޓް މަޖިލީހަށް ފޮނުވައިފަ އެވެ. ނަމަވެސް 2018 އަށް ލަފާކުރަނީ ކިހާވަރެއްގެ ބަޖެޓެއް ކަމެއް ސާފެއް ނުވެ އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ހުށަހަޅަން ތާވަލުކޮށްފައިވާ ކަމަށެވެ. ކިހާވަރެއްގެ ބަޖެޓެއް ކަމާއި ބަޖެޓްގެ ތަފްސީލު ހާމަ ކުރާނީ އެ ދުވަހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކަމަށް ނިހާން ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ފާސްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެ ބަޖެޓަކީ މި އަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަދި މިދިޔަ މަހު މަޖިލީހުން ފާސްކުރި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާނެ އެވެ.

މާލިއްޔަތު ގާނޫނަށް 2012 ވަނަ އަހަރު މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވާލައި މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

މާލީ އަހަރު ފެށެނީ ޖެނުއަރީ 1 ވަނަ ދުވަހު އެވެ.