04 Aug 2011, 11:38
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ދަރުސަތު ސްޓޭޑިއަމްގައި ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް އޭގައި އިއްޔެ ޕާކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.
ޕާކިސްތާން އަތުން ރާއްޖެ 6-0 ކަނޑުން އިއްޔެ ބަލިވިއިރު، ޕާކިސްތާން ވަނީ ގްރޫޕް އޭ ފަޅިން ސެމީގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. ސެމީ އިން ޖާގައެއް ޕާކިސްތާނަށް ކަށަވަރުވީ މުބާރާތުގައި ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާ އެކު އެވެ. އެގޮތުން ޕާކިސްތާންގެ ފުރަތަމަ މެޗް އެޓީމުން ކާމިޔާބު ކުރީ އިންޑިއާ އާއި ބައްދަލުކޮށް 1-0 ލަނޑުން ނެވެ.
އިއްޔެގެ މެޗްގައި ޕާކިސްތާނުން ރާއްޖެ ކޮޅަށް ލަނޑު ޖަހާ މެޗްގެ ލީޑް ނަގާ ކުރިހޯދީ މެޗް ފުރަތަމަ ހާފުގަ އެވެ. އެގޮތުން ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު، 1-0 ލަނޑުން ޕާކިސްތާން ކުރި ހޯދި ނަމަވެސް، އެ ޓީމް މުން ދެ ވަނަ ހާފުގައި ވަނީ ރާއްޖެ ފަސް ލަނޑު ޖަހާފަ އެވެ.
ގުރޫޕް އޭގައި ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ.
ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން 6-2 އިން މޮޅުވި ބަންގްލަދޭޝް ވަނީ ގުރޫޕް ބީގެ ސެމީގެ ފުރުސަތު ބޮޑުކޮށްފަ އެވެ. މި ގުރޫޕުގައި ދެން އޮތީ ނޭޕާލެވެ. މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ ނޭޕާލެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން އަދި އިންޑިޔާއާ އެއް ގްރޫޕަކަށް ލައްވާލާފައިވާ އިރު، ދެ ވަނަ ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލެވެ.