07 Nov 2017, 13:45
މިފްކޯގެ ނަމުގައި ތިން ކުންފުންޏެއް އެއްކޮށްލައި 2014 ވަނަ އަހަރު އެސްޓީއޯގެ ކުޑައިގެ ދަށުން ހިނގާ ކުންފުންޏަކަށް މިފްކޯ ބަދަލު ކުރިއިރު ބޮޑެތި ދަރަނި ތަކަކާއެކު މިފްކޯގެ ހާލަތު ދަށްކޮށް އޮތް ކަމުގައި ވިޔަސް މިހާރު މިފްކޯ އަކީ ފައިދާވާ ކުންފުންޏެއްކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
މިއަދު މިފްކޯގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝަހީރު ވިދާޅުވީ، މިފްކޯގެ މުވައްޒަފުންނަކީ ކަމަށް ގާބިލް، ވަފާތެރި މުވައްޒަފުން ތަކެއް ކަމަށާއި ކުރިއާ އަޅާބަލާއިރު މިފްކޯގެ އުފެއްދުންތެރިކަން ވަނީ 30 ޕަސެންޓް އިތުރުވެފައި ކަމަށެވެ.
އެސްޓީއޯގެ ދަށަށް މިފްކޯ ގެނައުމުން ވަރަށް ގިނަ ސުވާލުތަށް އަމާޒުވެގެން ދިޔަކަމަށާއި ނަމަވެސް އެސްޓީއޯ އާއި މިފްކޯ ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ މި އަހަރުގެ މިހާ ހިސާބަަށް މިފްކޯ އަކީ ފައިދާ ނެރޭ ކުންފުންޏަކަށް ބަދަލުވުން ކަމަށް ޝަހީރު ވިދާޅުވިއެވެ.
"އަހަރު ނިމޭ އިރުވެސް ކުންފުނި ވާނީ ފައިދާވާ ކުންފުންޏަކަށް. އަހަރު ނިމުމުން ފައިދާ ވީވަރު އާންމުންނަށް ހިއްސާ ކުރާނަށް،" ޝަހީރު ވިދާޅުވިއެވެ.
ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އަދްލީ އިސްމައީލް ވިދާޅުވީ، މިފްކޯގެ އަމާޒަކީ ހިންގުމުގެ ހަރަދުތަށް ކުޑަކުރުމާއެކު 100 ޕަސެންޓް ފައިދާ ނެރުން ކަމަށެވެ.
އަދުލީ ފާހަގަކުރެއްވިގޮތުގައި މަސްވެރިކަން ރަނގަޅުވުމާއެކު މާކެޓްގައި މަހުގެ އަގު އުފުލުމާއި، މިފްކޯގެ ހިންގުމުގެ ހަރަދުތަށް ކުޑަކުރެވުމަކީވެސް މިފްކޯއަށް ފައިދާ ވުމުގެ ސަބަބެކެވެ. އަދި މިފްކޯއަށް ވާ ފައިދާ އަކީ ދެމެހެއްޓެނިވި ގޮތުގައި ލިބޭ ފައިދާއަށް ހެދުމަށް މަސައްކަތް ތަކެއް ކުރާކަމަށްވެސް އަދްލީ ވިދާޅުވިއެވެ.