ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރަމުން އަންނަ ޕްރޮމޯޝަން ހައުސް އިން ޝާއިއުކުރާ "މޯލްޑިވްސް އިންސައިޑަރ"ގެ އާ އެޑިޝަނެއް ނެރެފިއެވެ.

ދިވެހިރާއްޖޭގެ ރީތިކަމުގެ ވާހަކަތައް ކިޔައިދޭ މޯލްޑިވްސް އިންސައިޑަރ އަކީ އިނގިރޭސި، ޖަރުމަން އަދި ޗައިނީޒް ބަހުން އަހަރަކު އެއްފަހަރު ނެރޭ ޓްރެވަލް ގައިޑެކެވެ.

މިހާރު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމްގައި) މިއަހަރުގެ އެޑިޝަން ނެރެދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

މޯލްޑިވްސް ޕްރޮމޯޝަން ހައުސް އިން ބުނީ މިފޮތް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ޑަބްލިއުޓީއެމްގެ ތެރެއިން ބަހާފައިވާ ކަމަށެވެ.

މޯލްޑިވްސް އިންސައިޑާރގެ ގޮތުގައި ޝާއިއު ކުރަމުން އައީ، ޓޫރިޒަމް ދާއިރާއާ ގުޅޭ ފޮޓޯ ތަކެކެވެ. 2016 ވަނަ އަހަރު މިގޮތަށް ނެރެވުނު މޯލްޑިވްސް އިންސައިޑާރގެ ފުރަތަމަ އެޑިޝަން އައިޓީބީ ބާލިން ފެއާ، ޑަބްލިއުޓީއެމް ލަންޑަން، އެމްއައިޓީޓީ ރަޝިއާ، އޭޓީއެމް ޑުބާއީ އަދި ސީއައިޓީއެމް ޗައިނާ ގައިވެސް ވަނީ ބަހައިފައެވެ.

ދެވަނަ އެޑިޝަން، ފުރަތަމަ އެޑިޝަނަށް ވުރެ ފުރިހަމަވާނެ ކަމަށާ ރާއްޖޭގައި ޓޫރިސްޓުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފުރިހަމަ ފޮޓޯތަކެއް މިފަހަރުގެ އެޑިޝަންގައިވެސް ޝާއިއު ކޮށްފައިވާނެ ކަމަށް މޯލްޑިވްސް ޕްރޮމޯޝަން ހައުސް އިން ބުނެއެވެ. މީގެ އިތުރުން ފޮޓޯ ތަކާ ގުޅޭ މައުލޫމާތު މިފަހަރުގެ އެޑިޝަންގައި ހިމަނާފައިވާނެ ކަމަށާ މި މައުލޫމާތުގެ ތެރޭގައި ރާއްޖޭގެ ތާރީހާ ގުޅޭ މައުލޫމާތުވެސް ހިމެނޭނެ ކަމަށް އެފަރާތުން ބުނެއެވެ.

މިއާއެކު މޯލްޑިވްސް އިންސައިޑަރ އަކީ "ޑެސްޓިނޭޝަން ގައިޑެއް" ގެ ގޮތުގައި ޝާއިއު ކުރެވޭ އެއްޗަކަށް ވާނެ ކަމަށާ، މިއަހަރުގެ އެޑިޝަންވެސް އައިޓީބީ ބާލިން ފެއާ، ޑަބްލިއުޓީއެމް ލަންޑަން، އެމްއައިޓީޓީ ރަޝިއާ، އޭޓީއެމް ޑުބާއީ އަދި ސީއައިޓީއެމް ޗައިނާގައި ބަހާނެ ކަމަށް މޯލްޑިވްސް ޕްރޮމޯޝަން ހައުސް އިން ބުނެއެވެ. މީގެ އިތުރުން މިފަހަރުގެ އެޑިޝަން އިންޑިއާގެ ޓްރެވަލް އަދި ޓޫރިޒަމް ފެއާ ތަކުގައިވެސް ބަހާނެ ކަމަށް އެފަރާތުން ބުނެއެވެ.