07 Nov 2017, 13:16
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެން އިތުރު ލިޔުމެއް ދައުލަތުން ހުށަހަޅާފައިވާތީ ފާރިސްގެ އެދިވަޑައިގަތުމަކަށް މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިއަދު 10:00 އަށް ތާވަލްކުރި އަޑުއެހުން ކުރިއަށްދަނިކޮށް ފާރިސް ވަނީ ޝަރީއަތް މެދުކަނޑާލަން އެދިވަޑައިގެންފައެވެ. ފާރިސް އެގޮތަށް އެދިވަޑައިގަތީ އެ މައްސަލާގައި ދައުލަތުން އާ ލިޔުމެއް ހުށަހަޅާފައިވާތީ އެ ލިޔުމާ ގުޅޭގޮތުން ވަކީލުންނާ މަޝްވަރާކުރަން ވަގުތު ލިބިފައިނުވާތީއެވެ.
މިހާރު ކުރިއަށްދަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުމުގައި ކުރިއަށްދާނީ މައުޟޫއީގޮތުން މައްސަލަ ފެށުމުގެ ކުރިން އިޖުރާއީގޮތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކުރުމެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގައި ސިއްރުން ހެކިބަސްދެނީ ރިޝްވަތު ހިފި ކަމަށް ބުނާ މަޖިލިސް މެމްބަރުކަން ވަނީ ހާމަވެފައެވެ.
އެކަން ހާމަވީ ފާރިސްގެ ވަކީލުންނަށް ދޫކޮށްފައިވާ ސިއްރު ހެކި ހުށަހެޅި ސަބަބު ބަޔާންކުރާ ލިޔުމުންނެވެ.
ސިއްރު ހެކީގެ ފަރާތުން ސާބިތުކުރަން އެދޭ ކަންކަން
- ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރެވޭނީ ޕާޓީން ފައިސާދިނުމުން ކަމަށް ލ. ފޮނަދޫ ސްވީޓްފްލާވާ އަހުމަދު ޝާފިއު ގާތު ސިއްރު ހެކި ބުނުމުން ތިކަން ހަމަޖެހިދާނެ ކަމަށާއި ޖެހޭނީ ފޯމެއްގައި ސޮއިކޮށްލަން ކަމަށް ޖަވާބުގައި ޝާފިއު ބުނިކަން.
- ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ލިޔުމުގައި ސޮއިކުރަން ޖެހޭނެ ކަމަށް ޝާފިއު ބުނިކަން.
- އެއަށްފަހު މާފަންނު ކޯރުކެނޑިމަގުގައި ހުރި ގެއަކަށް ސިއްރު ހެކި ދިޔަކަމާއި އެގެއިން ފާރިސް މައުމޫނާ ބައްދަލުވެ އޭނާ ދިން، ބަޔަކުގެ ނަންޖަހައި ސޮއިކޮށްފައިވާ ގަނޑެއްގައި ސޮއިކުރިކަން.
- އޭގެފަހުން ފާރިސް ދިން ކަމަށް ބުނެ ސިއްރުން ހެކިބަސްދޭ މީހާ އަށް ޝާފިއު ފައިސާ ހަވާލުކުރިކަން.
އެ މެމްބަރުގެ ހެކިބަސް ސިއްރު ކުރުމުން ފާރިސްގެ ގާނޫނީ ވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
އެ މެމްބަރުގެ ހެކިބަސް ސިއްރު ކުރަން ބޭނުންވަނީ އޭނާ އަކީ ކާކުކަން އެނގޭގޮތަށް ހެކިބަސް ނަގައިފިނަމަ އޭނާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލުގެ ވާހަކަތަކާ ގުޅޭގޮތުން ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެ ހެކިވެރިޔާ އަކީ ފާރިސް ރިޝްވަތުދިން ކަމަށް ބުނާ މަޖިލިސް މެމްބަރު ކަމަށްވާއިރު، އޭނާ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ފާރިސްއަށް އޮތީ ކިހިނެތްކަން ސާފުނުވާ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ އެ މެމްބަރުގެ ހެކިބަސް ސިއްރުން ނަގައިފިނަމަ ދޮގު ހެކި ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ހެކިބަސް ނަފީކުރަން ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ގެއްލިގެންދާނެ ކަމަށެވެ.
ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެއީ މީގެކުރިން ވެސް ކޯޓުން އަމަލުކުރަމުން އަންނަ ގޮތެއް ކަމަށާއި ސިއްރު ކުރިޔަސް ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުސަތު ފާރިސްއަށް ލިބޭނެ ކަމަށެވެ.