08 Nov 2017, 08:50
މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ނުކުންނަ ފުރަތަމަ ފިލްމުގެ ޝޫޓިންގް އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ފިލްމްގެ ޓީމުން ބުނެފިއެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ކާމިޔާބު ފިލްމު "ސައިރަތު"ގެ ރީމޭކުން ޖާންވީ ބޮލީވުޑަށް ނިކުންނަނީ ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ، އިޝާން ކައްތަރުއާ އެކު އެވެ.
ފިލްމުގެ ޝޫޓިންގް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު ކަރަން ބުނީ ފިލްމް ޝޫޓް ކުރުމުގެ މަސައްކަތަށް ޓީމުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.
އެ ފިލްމަކީ "ސައިރަތު"ގެ ރީމޭކް އެކެވެ. ނަމެއްދީފައިނުވާ އެ ފިލްމުން ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ވެސް ބޮލީވުޑަށް އަލަށް ތައާރަފްވެގެން ދާނެއެވެ.
ބްލޮކްބަސްޓާގެ ދަރަޖަ ލިބިފައިވާ "ސައިރަތު"އަކީ މަރާތީ ފިލްމްތަކުގެ ތެރޭން 100 ކްރޯޑް ލިބުނު ފުރަތަމަ ފިލްމެވެ.
އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގައި ކަމަށް ޓީމުން ބުނެއެވެ.
މިހާރު ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަ ޖަހަމުން އަންނަ ޒުވާން ތިން ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސިދާތް މަލްހޯތުރާ އަކީ ވެސް ކަރަންގެ އިސް ނެގުމަކުން ބޮލީވުޑަށް ނެރުނު ތިން އެކްޓަރުންނެވެ. މިއަދު ވެސް ކަރަން އަންނަނީ ތަފާޓު އެކްޓަރުން ބޮލީވުޑަށް ތައާރަފްކުރަމުންނެވެ.