ކޮލަމްބޯ(ނޮވެމްބަރު 7): ސްރީ ލަންކާގައި ތެޔޮ ލިބުން ދަތިވެ، ތެޔޮ އަޅާ ސްޓޭޝަންތައް ކައިރީ ކިޔޫތައް ދިގުވެއްޖެ އެވެ.

ލަންކާގައި ތެލުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައި ވަނީ މީގެ ކުރިން އެގައުމަށް ގެންދިޔަ ތެޔޮ ޝިޕްމެންޓެއް އަނބުރާ ފޮނުވާލައި، އިތުރު ޝިޕްމެންޓެއް ދިޔުން ލަސްވުމުންނެވެ.

ލަންކާގެ ޕެޓްރޯލިއަމް މިނިސްޓަރު އަރުޖުނަ ރަނަތުންގަ ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެގައުމަށް ގެންދަން އޮތް ޝިޕްމެންޓް މާދަމާ ލިބޭނެ އެވެ. އަދި ބުރާސްފަތި ދުވަހު ތެޔޮ ލިބުން އާއްމު ހާލަތަށް ރުޖޫއަ ވާނެ ކަމަށްވެސް ރަނަތުންގަ ވިދާޅުވި އެވެ.

ލަންކާގެ ތެލުގެ ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވަނީ ދައުލަތުގެ ކުންފުންޏެއް ކަަމަށްވާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އާއި އިންޑިއާގެ ކޯޕަރޭޝަނެއްގެ ސަބްސިޑަރީއެއް ކަމަށްވާ އެލްއައިއޯސީންނެވެ. އަދި އެގައުމުގައި ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ދެކުންފުނިން ވަނީ އޭގެ ޒިންމާ ނަގަން ޖެހޭ ކުންފުންޏާ ބެހޭ ގޮތުން ދެބަސްވެފައެވެ.

ޕެޓްރޯލިއަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން އަނބުރާ ފޮނުވާލީ އެލްއައިއޯސީން ގެންދިޔަ ޝިޕްމެންޓެކެވެ. އަދި އެއީ އެތެލަކީ ލަންކާއިން ގަބޫލުކުރާ ބައެއް ސްޕެސިފިކޭޝަނާ ދިމާނުވާ ތެލަށްވާތީ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އަދި އެލްއައިއޯސީން ވަނީ އެކުންފުންޏަށް ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުން، ލަންކާއިން އަނބުރާ ފޮނުވާލި ޝިޕްމެންޓް ސާފު ކުރުމަށް ފަހު އެގައުމަށް އަނެއްކާ ފޮނުވިދާނެ ކަމަށް ބުނެފައި ކަމަށާއި، ނަމަވެސް ސީޕީސީން އެގޮތަށް އެއްބަސްނުވީ ކަމަށް ބުނެފައެވެ.

ނަމަވެސް ސީޕީސީން ބުނާ ގޮތުގައި އެލްއޯސީން މަސައްކަތް ކުރީ ލަންކާއިން ފޮނުވާލި ތެޔޮ ހުރި ގޮތަށް އެގައުމުގައި ވިއްކާށެވެ. (ރޮއިޓާސް)