ކައިރި މުސްތަގްބަލެއްގައި ދިވެހި ލީގުގައި ވާދަކުރާ ޓީމްތަކަށް ކުލަބް ލައިސަންސް ސިސްޓެމެއް ތައާރަފް ކުރަމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފް،އޭ.އެމް(ގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ހަތަރު ވަނަ ކޮންގްރެސް ބޭއްވުމުގެ ގޮތުން އިއްޔެ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެފް.އޭ.އެމް އިން ކަޑައަޅާ އުސޫލެއްގެމަތިން، އެކަށީގެންވާ ރަނގަޅު މުސާރައެއް ދިނުމަށް ފަހު، ދިވެހި ލީގް ކުޅޭ ކޮންމެ ކުލަބެއްގައި ވެސް ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް، ބެހެއްޓުމަށް ވަނީ މަޖުބޫރުވެފައި ކަމަށެވެ. ހަމަ އެއާ އެކު، ކައިރި މުސްތަގްބަލެއްގައި ދިވެހި ލީގުގައި ވާދަކުރާ ޓީމްތަކަށް ކުލަބް ލައިސަންސް ސިސްޓެމެއް ތައާރަފް ކުރަމަށް ވަނީ ހަމަ ޖެހިފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މިދެންނެވި ބައެއް މަސައްކަތް ތަކާ ގުޅުން ހުރި ކަންކަމުގެ އަމަލީ މަސައްކަތް މިހާރު ވެސް ފެށިފައިވާކަން އުފަލާއެކު ފާހަގަ ކުރަން. އެގޮތުން "ފީފާ" އާ ގުޅިގެން ކުލަބް މެނޭޖްމަންޓް ކޯހަކާއި "ދިރާގް" އާއި ފުޓްބޯލަ އެސޯސިއޭސަނާ ގުޅިގެން ކުލަބް ހަރުދަނާކޮށް ހިންގާނޭ ގޮތްތަކާ، ކުލަބަށް ފައިސާ ހޯދަން ކުރެވިދާނެ ކަންތައްތަކާ، ފުޓްބޯޅަ ފޯރި އިތުރުކުރުމަށް ކުރެވިދާނޭ ކަންތައްތައް ހޯދުން. އަދި އެކަންތައްތައް ހޯދާ ދެނެގަތުމަށްޓަކާ ބޭރުގެ މާހިރެއްގެ އެހީގައި ކުލަބްތަކާ އެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައި" އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި، އެފްއޭއެމްގެ ނިމިގެން މިދިޔަ އަހަރަކީ ދުނިޔޭގެ އެހެން ޤައުމީ ފުޓްބޯޅަ ޖަމިއްޔާތަކާ އެކު އެކަށީގެންވާ ރަނގަޅު ގުޅުމެއް ގާއިމް ކުރެވިގެން ދިޔަ އަހަރެއްގެ ގޮތުގައި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އަހަރު ދުވަހުގެ ތެރޭ މީގެކުރިން ނުކުޅޭހާ ގިނަ އަދަދެއްގެ ރަހުމަތްތެރިކަމުގެ މެޗްތަކެއް ކުޅުމުގެ ފުރުޞަތު ލިބިގެން ދިޔަކަމަށް ވެސް އާޒިމް އިއްޔެ ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް ދިވެހި ޓީމްގެ ތާރީހުގައި އިންޑިއާގެ ޤައުމީ ޓީމް ރާއްޖެ އައިސް ރަހުމަތްތެރިކަމުގެ މެޗެއް ފުރަތަމަ ފަހަރަށް ކުޅެވިގެން ދިޔަކަން ފާހަގަކުރަން. މީގެ ކުރިން ވެސް ނުލިބޭ އެތައްކެއް މާއްދީ އެހީތެރިކަން ދުނިޔޭގެ އެހެން ފުޓްބޯޅަ ޖަމިއްޔާތަކުން ލިބިފައިވާކަން ފާހަގަ ކޮސްލަންޖެހޭ. ވަކިން ހާއްސަކޮށް ކުވެއިތު." އާޒިމް ވިދާޅުވި އެވެ.