އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް ގައުމުން ބޭރުގައި ކުޅޭ މެޗަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

މި މަހު 14 ވަނަ ދުވަހު ރަށުން ބޭރުގައި ފަަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑު ރަސްމީކޮށް އެފްއޭއެމުން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ. ނަމަވެސް އިއްޔެ ގައުމީ ފުޓުބޯޅަ ދަނޑުގައި ޓީމުގެ ފަރިތަކުރުންތައް ވަނީ ފަށައިފަ އެވެ.


ފަލަސްތީނާ ދެކޮޅަށް ގައުމީ ޓީމު ނުކުންނަ އިރު، މިދިޔަ މާޗު މަހު އަމިއްލަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ކުޅެ 0-3ގެ ނަތީޖާއަކުން ގައުމީ ވަނީ ބަލިވެފަ އެވެ. އަދި މަހު އަމިއްލަ ދަނޑުގައި އޯމާން އަތުން 3-1 އިން ބަލިވެ، 2019 ވަނަ އަހަރު ޔޫއޭއީގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުއްމީދު ގާތްގަނޑަކަށް ރާއްޖެއަށް ވަނީ ގެއްލިފަ އެވެ.

ރާއްޖެ އަށް ދެން ކޮލިފައިވުމުގެ ފުރުސަތު ލިބޭނީ އޯމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ކޮންމެ ގްރޫޕަކުން އޭޝިއަން ކަޕަށް ދެ ޓީމު ކޮލިފައިވާ އިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނާގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ރާއްޖެ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.