07 Nov 2017, 11:43
ސައުދީ އަރަބިއާ އާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ހޫތީ ސިފައިން، ސަޢުދީ ޢަރަބިއްޔާގެ އާންމު ރައްޔިތުންނަށާއި އިމާރާތްތަކަށް އަމާޒުކޮށް ރިޔާދަށް ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވައި، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ މި އަމަލަކީ އެމނިކުފަނު ނުހަނު ނަފުރަތު ކުރައްވާ އަމަލެއް ކަމަށާ މި ހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ސަޢުދީ ޢަރަބިއްޔާއާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ވިދާޅުވެ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން، ސައުދީ ރަސްގެފާނަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.