އއ. އުކުޅަސް އިންޖީނުގޭގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

އަލިފާން ކޮންޓްރޯލްކޮށްފައި ވަނީ ފުލުހުންނާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާއެކު ކުރި މަސައްކަތުންނެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށާއި އެކަން ހިނގަން މެދުވެރިވިގޮތް ބަލަމުން އަންނަ ކަމަށެވެ.

އަލިފާންރޯވުމުން މުޅި ރަށުން ވަނީ ކަރަންޓް ކެނޑިފައެވެ.

އއ. އުކުޅަސް އިންޖީނުގޭގައި އަލިފާން ރޯވެ އަނދަނީ -- ސަން ފޮޓޯ: ނާސިހް ހަސަން

އުކުޅަހު އިންޖީނުގެ ހިންގަމުން އަންނަ ސްޓެލްކޯއިން ބުނީ އަލިފާން ރޯވެފައިވަނީ އިންޖީނުގޭގެ ފިއުލް ޝެޑްގައި ކަމަށެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން އިންޖީނުގޭގެ 50 ޕަސެންޓު އަނދާފައިވާ ކަމަށެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ އުކުޅަހު އިންޖީނުގޭގައި ހުރި އެއް ޖަނެރޭޓަރަށް ކަމަށެވެ. އިންޖީނުގޭގައި ބޭނުންކުރަނީ ޖުމްލަ ތިން ޖަނެރޭޓަރެވެ.

" އަލިފަން ރޯވުމުގެ ސަބަބުން އެއް އިންޖީނަށް ޑެމޭޖްވެފަ ހުރި ކަމަށް މިހާރު މައުލޫމާތު ލިބެނީ. އަލިފާން ރޯވި ވަގުތު ސޭފްޓި އެއްގެ ގޮތުން ދެން ހުރި އިންޖީނުތައް ނިއްވާލީ. މިހާރު މަސައްކަތް ކުރަމުން މިދަނީ އެ އިންޖީނުތައް ޓެސްޓް ރަންކޮށް ކަރަންޓް ފޯރުކޮށްދެވޭތޯ" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު ތިން މީހަކަށް އުކުޅަހު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އެ ތިން މީހުންނަކީ ދުމުގެ އަސަރު ކުރި ދެ މީހަކާއި އަލިފާން ނިއްވުމުގައި އުޅެނިކޮށް އަނިޔާވި ދެ މީހެކެވެ.