07 Nov 2017, 12:15
ބަނޑޮސް ރިސޯޓުން: އައިޝަތު ފަރީހާ
ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް އެކްޝަން ޕްލޭންތަކެއް އެކުލަވާލުމަށް ބޭނުންވާ މަޝްވާތައް ކުރުުމަށް މަހާސިންތާއެއް ފަށައިފި އެވެ.
"ކުޑަކުދިން ކުށުން ދަފަރާކުރުމުގެ ފުރަތަމަ ގައުމީ މަހާސިންތާ"ގެ ނަމުގައި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފެށި މަހާސިންތާއަކީ ފުލުހުންނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގައި ފުލުހުންނާއި ޔުނިސެފްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ބެހޭ މުވައްސަސާތައް އަދި ބައެއް އެންޖީއޯތަކުން 70 ވަރަކަށް ބޭފުޅުން ބައިވެރިވެ އެވެ.
މި މަހާސިންތާގައި ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކުރާނެ ގޮތްތަކާ ބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލައި ސްޓްރެޓެޖިކް ޕްލޭނެއް އެކަށައެޅުމަށް ނިންމާފައިވެ އެވެ.
"ކުޑަކުދިން ކުށުން ދަފަރާކުރުމުގެ ފުރަތަމަ ގައުމީ މަހާސިންތާ" ފެށުމުގެ ރަސްމއިްޔާތުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިއަދު ފެއްޓި ސެމިނާރަކީ ކުށް ކުރާ ކުޑަކުދިންނާއި ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑު ކުޑަކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދެވިދާނެ ސްޓްރެޓެޖީއެއް އެކުލަވާލެވޭނެ ސެމިނާރެއް ކަމަށެވެ. އަދި ގައުމެއްގެ މުސްތަގުބަލު ބިނާވެފައި ވަނީ ގައުމުގައި ދިރިއުޅޭ ކުޑަކުދިންގެ މައްޗަށް ކަމަށާއި ގައުމުގެ މުސްތަގުބަލް ރަނގަޅު ކުރެވޭނީ މިއަދުގެ ކުޑަކުދިންނަކީ ކުށުން ދުރުހެލިވެފައިވާ ކުދިންތަކަކަށް ހެދިގެން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"މިއަދުގެ ހަގީގަތަކީ ދައުލަތުން ކިތަންމެ ބޮޑު ހަރަދުތަކެއްކޮށް މުވައްސަސާތަކަށް މެންޑޭޓްތަކެއް ހަވާލުކޮށްފައިވީ ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް، ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް މަސައްކަތް ނުކުރެވޭކަން،"
އޭސީޕީ ޝުޖާއު ވިދާޅުވީ އެއް މުވައްސަސާ އަކުން އަނެއް މުވައްސަސާއަކަށް ކަންތައް ނުބައްސާ ކޮންމެ ބަޔަކު ވެސް ފަރުދީ ޒިންމާ އަދާކޮށްގެން ކުޑަކުދިން ކުށްކުރުމުން ދުރުހެލި ކުރަން ޖެހިފައިވާ ކަމަށެވެ.

"ކުޑަކުދިން ކުށުން ދަފަރާކުރުމުގެ ފުރަތަމަ ގައުމީ މަހާސިންތާ"ގެ ބައެއް ބައިވެރިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުޑަކުދިން ކުރާ ކުށްތަކާއި އެކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ ގޮތްތަކާ ބެހޭ މަޝްވަރާ ކުރުމަށް މީގެ ކުރިން ވެސް އެކި ފޯރަމްތަކުގައި މަޝްވަރާކޮށް ޕްލޭންތައް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެ ޕްލޭންތައް ތަންފީޒު ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހުރި ތަފާތުތައް އެއްފަރާތް ކޮށްފައި އަޅުގަނޑުމެން އެންމެން ގުޅިގެން މި ސެމިނާ އިން ހާސިލު ކުރަން ބޭނުންވާ ކަންތައް ހާސިލްކުރުމަށް މަސައްކަތް ކުރުމަށް ގޮވާލަން."
މިއަދު ފެށި މަހާސިންތާގައި ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކުރިއަށް އޮތް ދެ އަހަރަށް އެކްޝަން ޕްލޭނެއް އެކުލަވާލައި ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލެވޭނެ އެވެ. އަދި މުވައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެކްޝަން ޕްލޭންތައް އެކުލަވާލައި ސްޓްރެޓެޖީތައް އެކުލަވާލާނެ އެވެ.