ހަރާރޭ (ނޮވެމްބަރު 7): ޒިމްބާބޫވޭގެ ނައިބު ރައީސް އެމާސަން މަންގާގުވާ މަގާމުން ދުރުކޮށްފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޒިމްބާބުވޭގެ އިންފޮމޭޝަން މިނިސްޓަރު ސިމޮން ޚާޔާ ވިދާޅުވި ގޮތުގައި މަންގާގުވާ މަގާމުން ދުރުކުރީ އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރައްވާތީ އާއި އޭނާ "ތެދުވެރި ނޫން" ކަމަށް ފާހަގަ ކުރެވުމުންނެވެ.

މީގެ ކުރިން ޒިމްބާބުވޭގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ގޮތުގައި މަސައްކަތް ކުރެއްވި މަންގާގުވާ ނައިބު ރައީސް ކަމުން ދުރުކުރުމުން އެމަގާމަށް އައުން އެންމެ އެކަށީގެން ވަނީ އެ ގައުމުގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ އެވެ.

މީގެ ކުރިން ގްރޭސް ވަނީ ޒިމްބާބުވޭގައި ބަޣާވާތެއް ކުރަން އުޅޭ ކަމަށް ވިދާޅުވެ، އެ ބަޣާވާތުގެ ފަހަތުގައި ވަނީ މަންގާގުވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އަދި އޭނާ ވަނީ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން މަންގާގުވާ ވަކި ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

ޒިމްބާބުވޭގައި ވެރިކަން ކުރައްވާތާ 30 އަހަރުވެފައިވާ މުގާބޭއަށް ފަހު ވެރިކަމަށް ވާދަ ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މަންގާގުވާ އާއި ގްރޭސް އެވެ. (ބީބީސީ)