ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ހެރީ ކޭން އަދި ހެރީ ވިންކްސް އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ސްކޮޑުން ބާކީ ކޮށްފި އެވެ.

ކޭން އަދި ވިންކްސް އަށް ވަނީ މިދިޔަ އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަސް ޕެލެސް އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ ދަނޑުން ބާލައިފަ އެވެ. އޭގެ ސަބަބުން އެ ދެ ކުޅުންތެރިންނަށް ޖަރުމަނު އަދި ބްރެޒިލް އާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗުގައި ނުކުޅެވޭނެ އެވެ.

ޓޮޓެންހަމްގެ މިޑްފީލްޑަރު ޑެލެ އަލީ ވެސް ވަނީ އަނިޔާގެ ސަބަބުން ގެރެތް ސައުތްގޭޓްގެ ސްކޮޑުގައި ނުހިމަނަން ނިންމައިފަ އެވެ. މީގެ އިތުރުން ޓީމުގައި ހިމެނޭ ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލް އާއި ލިވަޕޫލްގެ ޖޯޑަން ހެންދަސަން އަށް ވެސް އަނިޔާގެ މައްސަލަތަކެއް އުޅޭތީ މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ޝައްކު އުފެދިފަ އެވެ.

ވިންކްސްގެ ބަދަލުގައި ޓީމަށް ނަގާފައި ވަނީ ވެސްޓް ބްރޮމްގެ މިޑްފީލްޑަރު ޖޭކް ލިވަމޯ އެވެ. އަދި އަލީގެ ބަދަލުގައި ސްކޮޑުން ޖާގަ ދީފައި ވަނީ އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން އަށެވެ. ކީން ވަނީ ދާދިފަހުން ދިމާވި އަނިޔާގެ މައްސަލައަކުން އެނބުރި އައިސް އާދީއްތަ ދުވަހު ވެޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ.

އިންގްލޭންޑުން އެ ޓީމުން ކުޅޭ ފުރަތަމަ ރަހުމަތްތެރި ކަމުގެ މެޗުގައި އަންނަ ހުކުރު ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ނިކުންނާނީ ޖަރުމަނާ ދެކޮޅަށެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން ބްރެޒިލް އާ ކުރިމަތިލާން ޖެހޭނެ އެވެ.