07 Nov 2017, 11:03
ރާއްޖޭގެ 70 ކުންފުންޏަކުން 195 ޑެލިގޭޓުން ބައިވެރިވާ ވާލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއާ އިއްޔެ ލަންޑަނުގައި ހުޅުވައިފި އެވެ.
ރާއްޖެ އިން ބައިވެރިވި ވަފުދުގެ އިސް ބޭފުޅަކަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުންނަވާ އިރު މި ފަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖެ އިން ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާގެ، ރިސޯޓްސް، ހޮޓެލްސް، ގެސްޓްހައުސް، ޓްރެވަލް އެޖެންސީސް، އެސޯސިއޭޝަން އަދި އެއާލައިން އޮޕަރޭޓާސްގެ ފަރާތުން މަންދޫބުން ބައިވެރިވި އެވެ.
ބިޒްނަސް ގްރޫޕްތަކުން ބައްދަލުވެ މަޝްވަރާ ކުރުމުގެ އިތުރުން އިއްޔެ ވަނީ ރާއްޖޭގެ އިގްތިސާދީ ބަދަލުތަކާ ބެހޭ ގޮތުން ޕްރެސް ކޮންފަރެންސެއް ބާއްވައިފަ އެވެ. އެ ޕްރެސްކޮންފަރެންސްގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް، މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް، އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝާއިން އަދި އެމްއެމްޕީއާރުސީގެ ޗެއާމަން މުހައްމަދު ހަލީލް އެ ބައިވެރިވެ ވާހަކަދެއްކެވި އެވެ.
އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި ލަންޑަންގެ އަދި އެހެންވެސް އިންޓަނޭޝަނަލް މީޑިއާތަކުން 70 އަށް ވުރެ ގިނަ ބޭފުޅުން ވަނީ ރާއްޖޭގެ މީޑިއާތަކާ އެކު ބައިވެރިވެފަ އެވެ.

ޑަބްލިއުޓީއެމް ފެއާގައި ރާއްޖެއިން އިއްޔޭ ބޭއްވި ޕްރެސް ކޮންފަރެންސް -- ފޮޓޯ/ މިނިސްޓްރީ އޮފް ޓޫރިޒަމް
ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާލަން ވަނީ 276 އަކަ މީޓަރުގެ ސްޓޯލް ހަދައިފަ އެވެ. މި ފަހަރުގެ ސްޓޯލް ހަދާފައި ވަނީ ރާއްޖެ އިން ބައިވެރިވާ މީހުން އިތުރުވުމާ އެކު އެ އެންމެންނަށް ވެސް ޖާގަ ދެވޭނެހެން ދެ ފަނގިފިލާ ހިމެނޭ ގޮތަށް އެހެން ފަހަރުތަކަށް ވުރެ ބޮޑު ކޮށެވެ.
އިއްޔެ ލަންޑަންގައި ފެށި ފެއާއަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން މައުލޫމާތު ދިނުމަށް ބާއްވާ 37 ވަނަ ފެއާ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ފެއާގައި 5000 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ. ފެއާގެ އެންމެ ފަހު ދުވަހަކީ މާދަމަ އެވެ.
އިނގިރޭސި ވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި ވަރަށް މުހިއްމު އަދި އެހާމެ ބޮޑު އެއް މާކެޓެވެ. ރާއްޖޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 75506 އަށް އަރައިފަ އެވެ. އަދި މިދިޔަ އަހަރު އިނގިރޭސި ވިލާތުން ރާއްޖެއަށް 101,843 ޓޫރިސްޓުން އައިސްފައިވެ އެވެ.