ދިވެހީންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ 24 މުވައްޒަފެއްގެ އަގުވަޒަންކޮށް އެވޯޑް ދީފިއެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން އެ ބޭންކުން ވަނީ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ޚާއްސަ ހަފްލާއެއް ބާއްވައިފައެވެ. އެ ހަފްލާގައި ވަނީ، 15 އަހަރަށްވުރެ ގިނަ ދުވަހު ބޭންކަށް ޚިދުމަތްކޮށްފައިވާ 24 މުވައްޒަފެއްގެ ޚިދުމަތް ފާހަގަކޮށް އެފަރާތްތަކަށް އެވޯޑް ދީފައެވެ.

ރޭގެ ޚާއްސަ ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އެންޑްރޫ ހީލީއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ އެންޑްރޫ ހީލީ -- ފޮޓޯ: ބީއެމްއެލް

ގައުމީ ބޭންކަށް 35 އަހަރު ޚިދުމަތްކޮށްދީފައިވާ ތިން މުވައްޒަފުންކަމަށްވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން، އިސްލާމިކް ބޭންކިންގ ޑިރެކްޓަރު ފާތިމަތު މަނިކެ އަދި ސީނިއަރ ފެސިލިޓީސް އޮފިސަރު މޫސާ މުޙައްމަދަށް ޚާއްސަ އެވޯޑެއް ވަނީ ދީފައެވެ.

ރޭ އެވޯޑް ލިބުނު ފަރާތްތަކާ މުޚާތަބްކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީސޯ އެންޑްރޫ ވިދާޅުވީ، "އެތައް އަހަރެއްވަންދެން ތި ބޭފުޅުން ދައްކަވާފައިވާ ހީވާގިކަމަށާއި ފަރުވާތެރިކަމަށްޓަކައި ތިއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ތިޔަ ބޭފުޅުން ކޮށްދެއްވާފައިވާ ގިނަ ގުނަ ޚިދުމަތުގެ އަގުވަޒަންކޮށް މިފަދަ ޝުކުރުގެ އިނާމެއް ދެވޭކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ކަމަށެވެ.

އޭނާ ވިދާޅުވީ، "ވޭތުވެދިޔަ 35 އަހަރު ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށް އައިޝަތު، ފާތިމާ އަދި މޫސައަށް ޚާއްސަ ޝުކުރެއް އަޅުގަނޑު ދަންނަވަން." ކަމަށެވެ.

ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެފަހަރުގެ ހަފްލާގައި ބޭންކުން ނިންމާފައި ވަނީ، ކޮންމެ އަހަރަކު އެއްފަހަރު މިފަދަ ހަފްލާއެއް ބާއްވައި، ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށެވެ.

ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން މި އަހަރު އެ ބޭންކަށް ވަނީ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ލިބިފައެވެ.